ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދުވަސްވަރުގައި އެންމެ ހާސްވެ ކަންބޮޑުވާ އެއް ބަޔަކީ މާބަނޑު މީހުންނެވެ. އެހެންކަމުން މި ދުވަސްވަރު މާބަނޑު މީހުން ސަމާލުކަން ދޭންވީ ކަންކަމަށް އަލި އަޅުވާލާނަމެވެ.

އެކި ޔުނިވާސިޓީތަކުން ހަދަމުން އަންނަ ދިރާސާތަކުން ހާމަވާ ގޮތުގައި މާބަނޑު މީހުން މި ދުވަސްވަރު ސްޓްރެސް ވާ މިންވަރު ވަރަށް ބޮޑުތަނުން ވަނީ މައްޗައް ގޮސްފައެވެ. އެއީ އެފަރާތްތަކުން އެމީހުންގެ ރަހިމުގައިވާ ދަރިފުޅަށް ވައިރަސް ޖެހިދާނެތީ މާ ބޮޑަށް ކަންބޮޑުވާތީއެވެ.

މައި މީހާ އަށް ވައިރަސް ޖެހިފައި ހުރި ކަމުގައި ވީ ނަމަވެސް އަލަށް އުފަންވާ ދަރިފުޅަށް ވައިރަސް ޖެހުމަށް އޮންނަ ފުރުސަތު ވަރަށް ކުޑައެވެ. މިދުވަސްވަރު މާބަނޑު މީހުން ބޮޑަށް އިސްކަން ދޭންވީ ގޭގައި ތިބެގެން ވީހައިވެސް ބޮޑަށް ވައިރަހުން ރައްކާތެރި ވެވޭތޯއެވެ.

މިގޮތުން ގެއަށް ކާ އެއްޗެހި ނުވަތަ އެނޫންވެސް ތަކެތި ގެންނައިރު، އެފަދަ ތަކެތި ދޮވެލުން ބުއްދިވެރިއެެވެ. އަދި ޗެކްއަޕްތަކަށް ހޮސްޕިޓަލަށް ދާއިރު ސެނިޓައިޒާ ވީހައިވެސް ރަނގަޅަށް ބޭނުންކޮށް، މާސްކު އަޅައި، އެހެން މީހުންނާއި ކައިރި ނުވެ، ވީހައިވެސް ދުރުން އުޅޭށެވެ.

ވައިރަސް ފެތުރެން ފެށި ފަހުން މާބަނޑު މީހުން އާދަޔާ ޙިލާފަށް ސްޓްރެސް ވަމުން އަންނަކަން ދިރާސާތަކުން މިހާރު ހާމަވެފައި ވާއިރު، މާ ބޮޑަށް ސްޓްރެސް ވުމަކީ ކުޑަ ދަރިފުޅަށް އޭގެ ގެއްލުން ކުރާނެ ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.

މާބަނޑު މީހުން މާބޮޑަށް ސްޓްރެސް ނުވުމަށް ބާރު އަޅައި، އެމީހުންނަށް ހިތްވަރުދީ، ހުރިހާ ގޮތަކުންވެސް އެހީތެރިވެ ދިނުމަކީ ފިރިމީހާ އާއި އާއިލާގެ އެންމެންގެވެސް ޒިންމާ އެކެވެ. އެއީ މަައިމީހާ އެކަނި އެކަން ކުރުމަކީ ވަަރަށް އުނދަގޫ ކަމަކަށް ވާތީއެވެ.