އައިފޯން ގެންގުޅޭ ހިތްވާ މީހުންނަށް އެންމެ އުފާވެރި ހަބަރަކަށް އަބަދު ވެސް ވެފައި އޮންނަނީ އެކުންފުނިން އާ ފޯނެއް ނެރެން އުޅޭ ވާހަކައެވެ. ދާދި ފަހުން އެޕަލްގެ އެންމެ ފަހުގެ ފޯނު ކަމަށްވާ އައިފޯން 14 ގެ އެކި ސީރީސްތައް ނެރެފައިވާއިރު، އަނެއްކާ ވެސް މިވަނީ އައިފޯން 15 ގެ ސީރީސްތަކުގެ ވާހަކަ ވައިގެ ތެރޭގައި ހިފައިފައެވެ.

އައިފޯން 14 ނެރުނުތާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް، އެނގެން ޖެހޭ ކަމަކީ އެޕަލް އިން އަންނަނީ އެކުންފުނިން އުފައްދާ ފޯނުތަކުގެ މަސައްކަތް އަހަރެއް ކުރިން ފަށަމުން ކަމެވެ.

"ނިކެއި އޭޝިއާ" ގެ ރިޕޯޓަކުން ބުނާ ގޮތުގައި އެޕަލް ކުންފުނިން ވަނީ އެކުންފުނިން އުފައްދާ އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސްގައި ބޭނުން ކުރާ ޗިޕެއް ކަމަށްވާ A17 ލިމިޓް ކޮށްފައެވެ.

އެޕަލްގެ އެންމެ ފަހުގެ ފޯނުގައި ބޭނުން ކޮށްފައިވަނީ A16 ޗިޕެއް ކަމުން ގިނަ ބަޔަކު އަންނަނީ A17 ގެ ވާހަކަ ދައްކަމުންނެވެ. A15 އާއި A16 ގެ މާ ބޮޑު ތަފާތެއް ނެތް ނަމަވެސް A17 ގެ ބޮޑު ތަފާތެއް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ނިކެއި އިން ބުނި ގޮތުގައި A17 ވެގެން ދާނީ އައިފޯނު ގެންގުޅޭ ފަރާތްތަކަށް އުފާވެރި ހަބަރަކަށެވެ. މީގެ ކުރިން ބޭނުން ކުރި ޗިޕު ތަކުގެ ތެރެއިން ވެސް A17 ގެ ސަބަބުން ފޯނު އަވަސްވެ، ފިނި ކުރާ މިންވަރާއި ބެޓެރީ ހިފަހައްޓައި ދޭނެއެވެ.

ގިނަ ބަޔަކު އައިފޯން 15ގެ ވާހަކަ ދައްކަމުން އަންނައިރު، ހަމަ އެކަނި ރިޕޯޓްތަކުން ހާމަ ކޮށްފައިވަނީ އޭގައި ބޭނުން ކުރާ ޗިޕާއި ފޯނުގެ މަސައްކަތް ފަށާފައިވާ ކަމެވެ. ނަމަވެސް ފޯނު ދައްކާލާނެ ތާރީހެއް އެއްވެސް ރިޕޯޓަކުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާކު

    ފަހަތައް ދަނީ

    1
    1