(ފުވައްމުލައް ސިޓީ) ފުވައްމުލަކު ސިޓީއަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ އެކި ކަންކަން ފެންނަން ހުރި ސިޓީއެކެވެ. އެގޮތުން ތާރީހީ ގޮތުން ރާއްޖޭގައި ވެސް ނަގާލެެވޭ ބައެެއް މިސްކިތްތައް އެ ސިޓީގައި މިހާރު ވެސް ފެންނަން ހުރި އިރު ތާރީހުގެެ ތެރެއަށް ގެއްލިގެން ގޮސްފައިވާ އެތައް ތަނެއް ވެސް ފުވައްމުލަކު ސިޓީގައި ވާނެެ ކަން ޔަގީނެވެ.
މިސިޓީގައި ފެންނަން ހުރި ހާއްސަ މިސްކިތްތަކުގެ ތެރެއިން ގެން މިސްކިތާއި ކެޑޭރަ މިސްކިތަކީ ވެސް ތާރީހީ ގޮތުން ފާހަގަކޮށްލެވޭ އެތައް ޒަމާނެއް ވެފައިވާ ދެ މިސްކިތެވެެ. މި ދެ މިސްކިތް މިހާރު ވެސް ކޮންމެވެސް މަރާމާތުތަކަކާ އެކު ފެންނަން އެެބަހުއްޓެވެ. ފުވައްމުލަކުން ފެނުނު އެންމެެ ހާއްސަ އެއް ތަނަކީ އެރަށުގެ ގިނަ ބަޔަކަށް އެއީ ކޮންތަނެއް ކަން ވެސް އެނގިފައި ނުވާ "ކޮއްކިރިއެ މިސްކިތެވެެ".
މި މިސްކިތް އަދި ހެެރިޓޭޖް މިނިސްޓްރީގައި ވެސް އާސާރީ ތަނެއްގެެ ގޮތުގައި ރަޖިސްޓްރީކުރެެވިފައެއް ނުވެެއެވެ.
މިސްކިތް ދަނޑިމަގު އަވަށުގައި
މި މިސްކިތް ހުންނަނީ ފުވައްމުލަކު ދަނޑިމަގު "ކޮއްކިރި" ނަމަކަށް ކިޔާ ހިސާބެއްގައެެވެ. އެ މިސްކިތް ހުންނަނީ އެ އަވަށުގައި ހުންނަ ފްލެޓުތަކުގެ އުތުރަށް ވާ ގޮތަށް ހުރި މަސްޖިދުލް އައިޝާގެެ ދެެކުނަށްވާ ގޮތަށެވެ. އެ މިސްކިތް ހުންނަ ސަރަހައްދަކީ ފުނަ ގަސް ފަދަ ބިޔަ ގަސްތައް ހުންނަ ސަރަހައްދަކަށް ވެފައި، އެތަނަކީ އާންމުކޮށް މީހުން ގޮސް އުުޅޭ ތަނަކަށް ނުވުމުގެ ސަބަބުން، މީހުންގެެ ފަރާތުން މާބޮޑު ގެއްލުމެއް ނުވެ މިސްކިތުގެ ބައެއް މިހާރު ވެސް ފެންނަން އެބަހުއްޓެވެ.
މިހާރު ފެންނަން ހުރީ ތާރަގަނޑެއްގެ ގޮތަށް
މިހާރު މިސްކިތެއްގެ ސިފައިގައި އެތަން ފެންނާކަށް ނެތެވެ. ކޮއްކިރިއެެ މިސްކިތް މިހާރު ފެންނަން ހުރީ ތަރާގަނޑެެއްގެ ގޮތުގައެވެެ. ބިމުން މައްޗަށް ފެންނަން ހުރީ އެ މިސްކިތުގެ ދެ ފޫޓެެއްހާ އުސްމިނަށް ރާނާފައި ހުރި ފާރެވެ. ހަތަރެެސްކަން ބައްޓަމަށް ހުރި މި މިސްކިތުގެ ދިގުމިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެއެވެެ. ފުޅާ މިނުގައި ހުންނާނީ ހައެެއް ނުވަތަ ހަތް ފޫޓެވެ.
ފުވައްމުލަކު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު ތާރީހީ އެެކި ކަންކަން ދިރާސާކުރައްވަމުން އަންނަ މުހައްމަދު އަލީ ދީދީ "ވަގުތު" އަށް ވިދާޅުވީ މި މިސްކިތުގެ މާގިނަ ވާހަކައެއް ފުވައްމުލަކު މީހުން ނުދައްކާ ކަމަށާއި، އެންމެންނަށްވެސް އެނގެެނީ ކޮއްކިރިއެެ މިސްކިތް ނަމަކަށް ކިޔާ މިސްކިތެއް އެރަށުގެ ކޮއްކިރިއެ ހިސާބުގައި ހުންނަ ކަން އެކަނި ކަމަށެވެ.
"މިތަނަށް އޭރު ކިޔާނީ ކޮއްކިރިއެ މިސްކިތް ގަނޑު. އަޅުގަނޑަށް ހީވަނީ ފެށުނީއްސުރެެވެެސް މި މިސްކިތް ހުރީ މިހެެންހެން." މުހައްމަދު އަލީ ވިދާޅުވިއެވެެ.
އެ މިސްކިތް ހުންނަ ސަރަހައްދަށް މީހުން "ކޮއްކިރިއެ މިސްކިތް ގަނޑުު"ގެެ ނަމުން ވެސް ނަން ދީފައި ވެއެވެ. އެެ ނަން ވެސް އެެ ސަރަހައްދަށް ދީފައިވަނީ ކޮން ޒަމާނަކު ކަމެެއް ފެެންނާކަށް ނެެެތެވެެ.
މި މިސްކިތް ބިނާކުރެވިގެން އައި ދަރިކޮޅު
މި މިސްކިތް ބިނާކުރެވިފައި ވަނީ މީގެެ 400 އަށްވުރެެ ގިނަ އަހަރު ކުުރިން އެ ރަށުގައި ދިރިއުޅެން ފެށި ސުލައިމާނު ގާދިރު އަލް ހަދުރާމީ (އަނބިކަނބަލުން އޮމާން/ސޫރު) ގެފުތު މުހައްމަދު ގާދިރު އަލް ހަދްރާމީ އޮމާން/ސޫރު (އަނބިކަނބަލުން ބަޣުދާދު/އިރާޤް) ގެފުތު އީސާ ގާދިރު އަލް ހަދްރާމީ (އަނބިކަނބަލުން ޙަލުރުމައުތު/ޔަމަން) ގެެފުތު ޔޫސުފް ނައިބު އަލް ހަދްރާމީ (1168-1104) ގެެފުތު ޔަޙުޔާ ނާއިބު ކަލޭފާނުގެ ފުތު ޔޫސުބު ނައިބު (ކުޑަ ޔޫސުފު ނާއިބު) ގެފުތު ހޯދަނޑު ދޮން ޚަސަން ޚަތީބުުގެެ ފުތު ކަނބުރު އަދަރަހަން ޚަތީބުގެ ފުތު އުތުވާން ޚަތީބުގެ ފުތު ސީދީ ނާއިބު ކަލޭފާނުގެ ފުތު އަލީ އަޑަފި ކިލޭފާނުގެެ ފުތު ކޭހަރިތައި ޢަހުމަދު ނާއިބު ކަލޭގެފާނުގެ ފުތު ކޭހަރިތައި ދޮން އަބްރަހަމް ޚަތީބުގެ ފުތް އަލް ހާފިޒު ކޮއްކިރިއެ އެދުރުކަލޭގެފާނު (11 ވަނަ ދަރިކޮޅު 220-330 އަހަރު ކުރިން)ނެވެ.
މި މިސްކިތް ބިނާކުރައްވާފައި ވަނީ އަލް ހާފިޒު ކޮއްކިރިއެ އެދުރުކަލޭގެފާނެެވެެ. ތާރީހުން ފެންނަން އޮތީ މި މިސްކިިތް ބިނާކުރެއްވި ކޮއްކިރިއެެ އެެދުރުކަލޭގެފާނަކީ ހާފިޒެެއް ކަމެެވެެ. އޭނާ އާއި ބެެހޭ އިތުރު އެެއްވެސް މައުލޫމާތެއް ފެންނާކަށް ނެެތެެވެ.
ކޮއްކިރިއެ މިސްކިތުގެ ވެވާއި ގަބުރުސްތާނު
ވެޔޮ ނުވަތަ ވެވަކީ ކުރީޒަމާނުގެ ގިނަ މިސްކިތްތަކުން އަދިވެސް ފެންނަން ހުންނަ ތަނެކެވެެ. ފުވައްމުލަކުގައި މި ވެެވުގެ އިތުރުން އިތުރު ތިން ވެވެއް މިހާރުވެސް ފެންނަން އެެބަ ހުއްްޓެވެެ. ވެވުުގެ ނަމުން ނަން ދީފައިވާ މިތަނަކީ އެ ޒަމާނުގައި މީހުން ވުޟޫ ކުރުމަށް އަދި، ފެެންވެރުމަށް ބޭނުން ކުރަމުން އައި ތިލަ ވަޅެކެވެެ. ކޮއްކިރިއެ މިސްކިތާއި މާ ދުރުނޫން ހިސާބެއްގައި ވެެވެެއް ފެެންނަން އެެބަހުއްޓެވެެ. އެ ވެޔޮ ފުވައްމުލަކުގެ އެހެން ސަރަހައްދުތަކުގައި ހުރި ވެެޔޮތަކަށް ވުރެ ކުޑައެެވެެ.
މީގެެ އިތުރުން އެެ ސަރަހައްދުގައި ގަބުރުސްތާނެެއް ވާކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި އެ ސަރަހައްދުން ގަބުރުސްތާނުގެ ގާ ފަދަ ތަކެތިވެސް ފެނިފައިވާކަމަށާއި، ބެލެވޭ ގޮތުގައި މިސްކިތުގެެެ ގަބުރުސްތާނު ފުދޭވަރަކަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެެ.
މިސްކިތް ނުހޯދި ގިނަ ދުވަސްތަކެއްވި
މި މިސްކިތަކީ ތާރީހީ ތަނެެއްގެ ގޮތުގައި ހެެރިޓޭޭޖް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައެއް ނުވެއެވެެެ. އަދި އެެ މިސްކިތާއި މިސްކިތުގެ ކައިރިން މިހާރުވެސް ކޮންމެެވެސް ވަރަކަށް ފެންނަން ހުރި ވެޔޮ އަދިވެސް ހިމާޔަތް ކުރވިފައެެއް ނުވެއެވެ. މިހާރުވެސް ކުނި އެޅި ފޮރުވެމުން އަންނަ އެ މިސްކިތް ހިމާޔަތް ނުކުރެވިި ދުވަސް ނަގާކަމަށް ވާނަމަ އެތަން ގެއްލިގެެން ދިއުމުގެ ފުރުސަތު ބޮޑެވެ.
މުހައްމަދު އަލީ ވިދާޅުވީ، އޭނާއަށް މި މިސްކިތް ހޯދިފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި މިސްކިތާއި ބެހޭގޮތުން ހޯދުނު މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހެޅުމަށް އެެެދި ފުވައްމުލަކު ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައި ކަމަށެވެ.
ސެޕްޓެމްބަރު 12، 2019 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައިވާ "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ" ޤާނޫނުގެ ދަށުން މިގޮތަށް ފެންނަ އާސާރީ ތަންތަނުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި އެތަންތަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އާންމު ފަރުދުންގެެ ޒިންމާއެކެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
👍
ދިވެހި ރާއޖޭ ގައި އޮތ ްް އެނެެ ގިނަދުވަސްވީ ގަބުރުސްތާނު އޮތީ ލ.މެންދޫގަ ކާކް ދެނަހުރީ
ފުވައްމުލަކަކީ ތާރީޚީގޮތުންނާއި ޢިލްމީގޮތުންނާއި ޙަސަބާއި ނަސަބުންވެސް އަރައިއޮތް ރަށެކެވެ. އާސާރީ ގޮތުންނާއި ދިވެހީންގެ އިހުގެ މޮޅު ހުނަރުތައް މިހާރުވެސް ބަލައިފިއްޔާ ފެންނަންހުރި ރަށެކެވެ. ރަށުގައި ތިއްބެވި މިހުރިހާ ކަމެއް އެންމެ ރަގަޅަށް އެގިވަޑައިގަންނަވާ ބޭފުޅުން ކައިރިން މަޢުލޫމާތު ރަނގަޅަށް ހޯއްދަވާގެން ލިޔުއްވާތީ ވަގުތު ހޭރިޔާޓީމަށް ޝުކުރިއްޔާއެވެ.
ފުވައްމުލަކަކީ ވަރަށްޢިލްމުވެރީން ތިބި ރަށެކެވެ. މުޅިރާއްޖެޔަށް ތަޢުލީމުދިނީވެސް ފުރަތަމަ އެރަށުންނެވެ. ވަގުތުނޫހުން މަޢުލޫމާތުހޯދަން މިހާރުވެސް ދިރާސީ ބޭފުޅުންނާ ގުޅުއްވާތީ ޝުކުރިއްޔާ. މައުލޫމާތު ވަރަށް މުއްސަދިއޭ ބުނެވޭނީ.
މައުލޫމާތު ދިނީ ދިރާސީ ބޭފުޅަކު ކަމަށްވަންޔާ އޯކޭ.
ލ. އިސްދޫގައިވެސް އެބަހުރި ތިކަހަލަ ކިތަންމެ މިސްކިތް ގަނޑަކާއި ގަބުރުސްތާން ތަކެއް ބުނެވޭ ގޮތުގައި އިހުގެ 70 ގަބުރުސްތާން އެބަހުރި ބައެއް ގަބްރުސްތާން ފޮރުވިގެން ގޮސް ގަލުގެ މަތިން ބައިފޫޓްވަރު ފެންނަންހުރި ތަންތަން އެބަހުރި