(ފުވައްމުލައް ސިޓީ) ރާއްޖޭގެ ރަށްތަކުގެ ތެރެއިން ދިވެހި ސަގާފަތާއި ތާރީޚުގެ ރަހަވަރު އެންމެ ހެޔޮވަރުކޮށް ފެންްނަން ހުރި އެއްތަނަކީ ފުވައްމުލަކެވެ. ދިވެހިން ބުދުދީން ދުކޮށް އިސްލާމީ ހިދާޔަތުގެ އަލިކަމުގެ މަގަށް ވާސިލް ވީ ހިސާބާއި، އެ ތާރީޚު ރަމްޒުކޮށްދޭ ބިނާތަކާއި ތަންތަން އެއް ރަށަކުން އެންމެ ގިނައިން ފެންނަން ހުރި އެއްތަނަކީ ވެސް ފުވައްމުލަކެވެ. އަދި ދިވެހިންގެ ހީވާގިކަމާއި މުރާލި ކަމުގެ މިސާލު ދައްކަދިން އެތައް ބިނާ އެއް މިރަށުގައި އެބަހުއްޓެވެ. އެ މަސައްކަތްތެރިންގެ ކަވި ހުނަރުވެރިކަމުގެ އެތައް ރަމްޒެއް މިއަދުވެސް އެ ރަށުން ފެންނަން އެބަހުއްޓެވެ.

ފުވައްމުލަކުން ފެންނަން ހުރި ތަންތަނުގެ ތެރެއިން ރަށުގެ އިސްލާމީ ތާރީޚު ރަމްޒުކޮށްދޭ އެއް ބަހާއަކީ މި ރަށުގެ ހުކުރު މިސްކިތެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުން ފުވައްމުލަކު ހުކުރު މިސްކިތް ބިނާ ކުރައްވާފައި ވަނީ 1701-1692 އާ ދެމެދުގެ އަހަރުތަކުގައެވެ. އެ މިސްކިތް ބިނާ ކުރެއްވީ އައްޑޫ މީދޫ މުހައްމަދު ބޮޑުފަނޑިޔާރު ތަކުރުފާނުގެ އަލްޙާއްޖު އަލިތުއްކަލާ މާފަތް ކިލޭގެ ދަރިކަލުން ނުވަތަ އިބުނު އަލްޙާއްޖަ އަލިތުއްކަލާ ސިރީ ކުލަރަންމަނި މަހާރަދުން (ދެއްވަދޫ ރަސްގެފާނު) ކަމަށް ތާރީޚީ ލިޔުންތަކުން އެނގިގެންދެއެވެ.

ފުވައްމުލަކު ހުކުރު މިސްކިތް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ފުވައްމުލަކު ހުކުރު މިސްކިތުގެ ޚާއްސަ ކަންކަން ފާހަގަ ކުރައްވަމުން އެ ރަށުގެ ކަތީބުކަމާއި ބޮޑު ކަތީބުކަން ފަދަ މަގާމުތައް ފުރުއްވާފައިވާ މުހައްމަދު ވަހީދު އަހުމަދު ވިދާޅުވީ މި މިސްކިތަކީ ކާބަފައިންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ މިސްކިތެއް ކަމަށެވެ. އޭނާ ވިދާޅުވީ މީލާދީ ސަނަތުން 1938 ގައި އެ ތަނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލުތައް ގެންނަވާފައި ވަނީ ފުވައްމުލަކު އޭރުގެ ވާރުވެރިޔާ، ވާރޮގޭ ޙަސަންދީދީ ގެ ވާރުވެރިކަމުގެ ދުވަސްވަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މިސްކިތުގައި ވަޅުލާފައިވާ މީހުންގެ ތެރެއިން ޚާއްސަ ބޭފުޅުންގެ މި މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތަކަކީ ކާބަފައިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ އަގުހުރި ތާރީޚީ ތަރިކަތަކެއް ކަމަށެވެ. ނަމަވެސް އެ ތަރިކަތަކުން ބޮޑު ބައެއް މިހާރުވެސް ފަނާވެ ގޮސްފައިވުމަކީ ތާރީޚަށް ލިބޭ އުނިކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ހުކުރު މިސްކިތުގައި ފަންގިފިލާ އަޅައި ދެ ބުރިއަށް ބަދަލު ކުރިކަން އެނގޭ ލިޔުންތަކުން. އަދި ހަމައެހެންމެ އެ ބަދަލުގެ ސަބަބުން މިސްކިތުގެ ސިފަޔާއި ބައްޓަމަށް ބަދަލުތަކަކާއި ގެއްލުންތައް ވެސް ލިބުނުކަން އެބަ ހުރި ބައެއް ބޭފުޅުން ފާހަގަކުރައްވާފައި. ދެން އޭގެ ފަހުން ވެސް ހަގީގަތުގައި އެކިއެކި ބަދަލުތައް ގެނެސް، މަޑުމަޑުން މިސްކިތުގެ އަސްލު ގެއްލުނު،" އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ހުކުރު މިސްކިތް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ހުކުރު މިސްކިތަށް 2010 ވަނައަހަރު ގެނެވުނު ބޮޑު ބަދަލާއެކު މިސްކިތުގެ އަސްލު އެއްކޮށް ގެއްލިގެން ދިއުމަކީ އެފަދަ މުހިންމު އާސާރަކަށް ލިބުނު އުނިކަމެއް ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެެ.

ހުކުުރު މިސްކިތަށް އައި ބަދަލުތަކާ މެދު އަބްދުﷲ ވަހީދު ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ އާބާދީއާ ބަލާފައި މިސްކިތް ކުޑަވުމުން އަބުދުލް މަޖީދު ރަންނަބަނޑޭރި ކިލޭގެފާނުގެ ވެރިކަމުގައި މިސްކިތަށް ތިން ފެންޑާއެއް އިތުރުކޮށްފައިވާ ކަމަށެވެ.

"މިހުރާބުގެއަކާއި މިމްބަރެއް ހަދައި، ފަންގިފިލާގައި ބަނބުކެއޮ ފިލާ ޖަހައި، ނިރޮޅު މުޑި ވިއްދައި ވަރުގަދަކޮށް، މަތީ ބުރީގައި ނަމާދު ކުރެވޭ ގޮތަށް ހެދުނެވެ. މި މަސައްކަތް ހިންގެވީ ވާރު ހަސަން ދީދީއެވެ. އެއީ 1930 ހާ ހިސާބުގައެވެ. ވަޑާމުގެ މަސައްކަތް ކުރީ ހަވަރުތިނަދޫ މާވަޑިފުތާއެވެ." އަބްދުﷲ ވަހީދުގެ ލިޔުއްވުމުގައިވެއެވެ.

ވަހީދު ވަނީ އޭގެ ފަހުން 1990 ގެ އަހަރުތަކުގައި އެ މިސްކިތް މަރާމާތު ކުރައްވާފައި ވަނީ ޑިޕާޓުމެންޓު އޮފް ރެލިޖަސް އެފެއާޒުން ކަމަށް ފާހަގަ ކުރައްވައިފައެވެ.

ފުވައްމުލަކު ހުކުރު މިސްކިތް ޚާއްސަވާ ސަބަބުތަކާ މެދު އެ ރަށު އަތޮޅު އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ހުސެއިން ޝަރީފް "ވަގުތަށް" ވިދާޅުވީ މިހާރުވެސް އެ މިސްކިތުގެ ދެ ބިސްތާނައެއްގެ ތެރޭގައި ރާއްޖޭގެ ވެރިކަން ކުރެއްވި ދަރިކޮޅުގެ ބޭފުޅުން ފަސްދާނުލެވިފައިވާ ކަމަށާއި އެއީ އެ މިސްކިތް ޚާއްސަވާ އެއް ސަބަބު ކަމަށެވެ. ނަމަވެސް އެތަނުގައި ހުރި ބިސްތާނަތަކާއި މަހާނަތައް ހިމާޔަތް ނުކުރެވި، އެތަންތަން ވީރާނާ ވަމުން ދިއުމަކީ ބަލަބަލާ ތިއްބާ އެފަދަ މުހިންމު ތަނެއް ލޯކުރިމަތިން ގެއްލިދާނެ ކަމުގެ ބިރު ހީވާ ކަމެއްކަން އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ހުކުރު މިސްކިތް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

" މިހާރުވެސް އެ މިސްކިތުގެ ދިޔަމިގިލީ ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނާއި ބޭކަނބަލުންގެ އިތުރުން ކަޅުތުއްކަލާ ނުވަތަ އިބްރާހިމް ރަސްގެފާނުގެ ދަރިކަނބަލުން ކަނބާ ޢައިޝާގެ ރަނިކަމުގައި އަރުވާލެއްވި އެދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ އިސްކަންދަރު ޝުޖާއީގެ މަހާނަވެސްވަނީ މި މިސްކިތުގެ ބިސްތާނައެއްގައި ފަސްދާނު ލެވިފައި. ދެ ބިސްތާނައެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި، ހުރަވީ ދަރިކޮޅަށް ނިސްބަތްވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒަތްދީން އާއިވެސް ފަސްދާނު ލެވުނީ މިތާ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ތާރީޚު ދިރާސާކޮށް، އެފަދަ ލިޔުއްވުންތައް ލިޔުއްވާ މުހައްމަދު އަލީ ވެސް ވަނީ ހުކުރު މިސްކިތަކީ އެ ރަށުގެ އިސްލާމީ ތާރީޚާއި މަސައްކަތުގެ ވައްޓަފާޅި ރަމްޒުކޮށްދޭ މުހިންމު ތަނެއްކަން ފާހާގަ ކުރައްވައިފައެވެ. ނަމަވެސް އެތަނަށް އެކަށީގެންވާ ހިމާޔަތެއް ނެތުމަކީ ރަށުގެ ސަޤާފަތާއި ތަރިކައަށް ލޯބި ކުރާ އެތައް ބައެއްގެ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ފުވައްމުލަކުގެ ހުކުރު މިސްކިތް ރައްކާކޮށް އާސާރެއްގެ ގޮތުގައި ބެލެހެއްޓުމުގައި ދިމާވެފައިވާ ގޮންޖެހުމަކީ އެ ރަށުގެ އެހެން ތަރިކަތައް ބެލެހެއްޓުމަށް ވެސް ދިމާވާ ދަތިކަމެވެ. އެއީ އެ ތަންތަނަށް އެކަށީގެންވާ ސިފައެއްގައި ރައްކާތެރިކަމެއް ނުލިބި އެ ތަންތަނުގެ އަސްލު ދީލާލާ މައްސަލައެވެ. ބޯޑެއް ހަރުކޮށްފައި ހުރި ނަމަވެސް ބަލަހައްޓާނެ ބަޔަކު ނެތި އާސާރުތައް ފަނާވެ ވެއްޔަށް ވެގެން ދަނީ ބަލަބަލާ ތިއްބައެވެ. މިއީ ތާރީޚާއި ވަތަނިއްޔަތުގެ ވިންދު ޖަހާ ކޮންމެ މީހަކަށްމެ ލިބޭނެ މޮޅިވެރިކަމެއްކަން ޔަގީނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހުޖަނުފިރީ

    އައްސުލްތޯން އަލީ މުޒުހިރުއްދީނުގެ ތުއްތުމަނިއްޕުޅުގެ ދޮންސިއްތިބުބޫގެ ފާތުމާމަނިކާ ތިރަށު ފަޑިއާރުގަނޑުވަރު ބިންމައްތިފަހި އާމިނާޔާ ކައިވެނި ކުރައްވައިގެން ލިބިވަޑަގެން ކުދުދީދީގެ ރެއްކާމަނިކުފާނުންގެ ހިރިގަލު މަހާނަގައުވެސް ހުރީ ތިތާނގަ. ރާއްޖޭން ނުފެންނަ ފުރިހަމަކަމާއެކު ހަދަފައި ހުރި ގަލެއް އެއީ.