(ހއ. ކެލާ) މާލެ އާއި 310 ކިލޯމީޓަރު ދުރުގައި އޮންނަ ކެލާއަކީ ގުދުރަތީ ގޮތުން އާދަޔާ ޙިލާފަށް ރީތި ރަށެކެވެ. ފަތުރުވެރިންނާއި ދިވެހީންގެ މެދުގައިވެސް މަގްބޫލު މަންޒިލެކެވެ. އާބާދީގައި 2،360 މީހުން ދިރިއުޅޭ ކެލާ އޮންނަނީ އަތޮޅުގެ ވެރިކަން ކުރާ ދިއްދޫ އާއި 13 ކިލޯމީޓަރު ދުރުގައެވެ. މި ރަށަކީ 213 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ. ބޮޑު ފަޅެއްވެސް މި ރަށާއި ގުޅިފައި އޮވެއެވެ. ކުށް މަދު، ހިތްހެޔޮ އަދި އެހާމެ، މީހުންނާ ގުޅޭ ބަޔަކު ދިރިއުޅޭ ކެލާ އަކީ ސާފްތާހިރު ރަށެއް ކަމަށް ރަށަށް ޒިޔާރަތް ކުރާ ކޮންމެ މީހަކު އެއްބަސް ވާނެއެވެ.

މިރަށަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ދިރިއުޅެފައިވާ ރަށެެކެވެ. އަދި އެ މީހުން މިރަށުގައި ދިރިއުޅުނު ކަމުގެ ނިޝާންތައް އަދިވެސް ފެންނަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބައެއް ތަންތަނާއި، ތަކެތި ހިމެނެއެވެ. ހަނގުރާމައިގެ ދުވަސްވަރު، 1953 ވަނަ އަހަރުގައި އިނގިރޭސިންގެ ޕޯސްޓެއް މިރަށުގައި ގާއިމް ކުރިއިރު، ރާއްޖޭގެ ދެކުނުން ސ.ގަމުގައި ގާއިމުވެތިބި އިނގިރޭސި ސިފައިން އެކިއެކި ބޭނުންތަކަށް ސީޕްލޭންތަކާއި ކަނޑުމަގުން ކެލަށް އަރައި، ކެލާގައި ތިބި އެމީހުންގެ ސިފައިންނާއި ބައްދަލުކޮށް ހަދާފައިވެއެވެ.

ހއ.ކެލާ ބީޗް ސަރަހައްދު. --- ވަގުތު އިމޭޖަސް

ތާރީހީ ގިނަ ތަންތަން ހުރި ކެލާ އިން ފާހަގަކޮށްލެވޭ ބައެއް ތަންތަނަށް ބަލާ އިރު ރަށުގެ ހުކުރު މިސްކިތާއި މުންނާރު، އިނގިރޭސިންގެ ބަޑިގޭގެ ފާރު، ލިލީހައުސް އާއި ކިނބިގަސް، ވަތަބަނޑޭރި ކިލޭގެފާނުގެ މަހާނަ، ތިން ބެރެބެދި ސަރަހައްދު، ފެމުނު އަރާ ކަމަށް ބުނާ ފެންގަނޑު، އިނގިރޭސީން މިރަށުގައި ދިރިއުޅުނުއިރު އެޅި ނަރުދަމާ ނިޒާމު، އިހުގެ ފެންވަޅުތަކާއި، ވެރިން އައިސް ރަށުގައި މަޑުކުރެއްވި ވައިޖެހޭ ގެއާއި، އެއިރު އެރަށާއި ދިމާލަށް ވެއްޓުނު ކަމަށް ބުނާ އިނގިރޭސީންގެ މަތިންދާބޯޓެއްގެ އިތުރުންވެސް، އެހެން ބައެއް ތަންތަން ހިމެނެއެވެ.

މިރަށާއި ގުޅިފައިވާ ބައެއް ވާހަކަތަކަށް ބަލާއިރު، އިނގިލި ބުރި ޒިޔާރަތް ކިޔާ ތަނެއް މިރަށުގައި ކުރިން ހުންނަ ކަމަށް ވެއެވެ. އެއީ މިރަށަށް އެރި ކަމަށް ބުނާ ފުރޭތައަކާއި ގުޅުން ހުރި ވާހަކައެެވެ. މިރަށު މީހުން ބުނަނީ އެ ފުރޭތަ އައިސް މިރަށު އަންހެނެެއް މަރާލީ ކަމަށެވެ. އަދި އެ މީހާ މަރާލި ފަހުން ހަމައެކަނި ފެންނަން އޮތީ އެ މީހާގެ އިނގިލި ބުރި ކަމަށް ކިޔައި އުޅެއެވެ. އިނގިލި ބުރީގައި އަނގޮޓިއެއް ވެސް އޮތްއިރު، އެ އިނގިލި ބުރި އޮތް ތަން ކަމަށް ބުނާ ތަނުގައި މިރަށު މީހުން ޒިޔާރަތެއް ހެދިއެވެ.

ހއ އަތޮޅުގެ ހުރިހާ ރަށަކަށްހެން ވަނަމެއް ދެވިފައި އޮންނައިރު ކެލާ އަށް މިގޮތަށް ދެވިފައިވާ ނަމަކީ ކެލާ ނާޅިއެވެ. މީގެ އިތުރުން ކެލާ ބޮޑު ބަނބުކެޔޮލާއި ކައްޓަލަ ވެސް މި ރަށު މީހުންނަށް އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ކިޔައި އުޅެއެވެ.

ހއ. ކެލާ. --- ވަގުތު އިމޭޖަސް

ކެލާ މީހުންނަކީ އާމްދަނީ ހޯދުމަށް ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ރަށެކެވެ. ދަނޑުވެރިކަން ވެސް ފުޅާދާއިރާއެއްގައި ކޮށް އުޅޭ މީހުން ދިރިއުޅޭ ކެލާ އަކީ ރާއްޖޭގެ އުތުރުން އެންމެ ވަރުގަދައަށް ދަނޑުވެރިކަން ކުރާ އެއް ރަށްކަން ވެސް ފާހަގަކޮށްލެވެއެވެ. ރަށުގެ ބޮޑު ސަރަހައްދެއް މިހާރުވެސް ދަނޑުވެރިކަމަށް ދޫކޮށްފައިވާއިރު، ކަރާ އާއި އެކި ވައްތަރުގެ އަލަތަކުގެ އިތުރުން އެނޫން ވެސް ތަރުކާރީ އާއި މޭވާ މިރަށުގައި ހައްދައި އުޅެއެވެ. މިރަށު އަންހެނުންނަކީ ފަންގިވިނުމުގައި އަތޮޅުން ފާހަގަކޮށްލެވޭ ބައެެކެވެ. ރިސޯޓުތަކަށް ވިއްކުމަށްޓަކައި ރަށުގެ 90 އިންސައްތަ އަންހެންވެރިން އަދިވެސް ފަންގިވިންނަ ކަމަށްވެއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި ގެސްޓް ހައުސް އެޑިޝަންގެ "ލީޑިން ބީޗް އައިލަންޑް އެވޯޑު" ހާސިލްކޮށްފައިވާ ކެލާގައި މިވަގުތު ހަތް ގެސްޓް ހައުސް އެއް ހިންގައެވެ. ގެސްޓް ހައުސްތައް އެޅުމަށްޓަކައި މިރަށުގައި ކައުންސިލުން ބިން ދޫކޮށްފައިވާ އިރު ރަށުގެ ތުނޑީ ސަރަހައްދުގައި ސިޓީ ހޮޓަލެއް އެޅުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. ކެލާގެ ގޮނޑުދޮށް ސާފު ދޮންވެލިން ފުރިފައިވާ އިރު، މޫދުވެސް އެހާ ރީއްޗެވެ.

ހއ.ކެލާ ފާލަމުގެ މަތިން ނަގާފައިވާ ފޮޓޯ އެއް. --- ވަގުތު އިމޭޖަސް:

ކެލާގައި މިހާރު ކުރިއަށްދާ ސަރުކާރުގެ މަޝްރޫއުތަކަށް ބަލައިލާ އިރު، ސްކޫލްގެ މަލްޓި ޕާޕޯސް ހޯލް އިމާރާތް ކުރުުމުގެ މަސައްކަތާއި، ރަަށުގައި މިއުޒިއަމް އެއް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި މިރަށުގައި ކުނިކޮށި އެޅުމާއި، މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިވަގުތު މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ބަނދަރަށް ވަންނަން އޮތް މަގުގެ މައްސަލައެވެ. ސަބަބަކީ ބަނދަރަށް ވަންނަން ޖެހެނީ ރަށުގެ ފަޅު ތެރޭގައި ބޮޑު ސަރަހައްދެެއްގައި ދުއްވުމަށް ފަހުގައިވާ އިރު، ބަނދަރާއި ފަޅާއި ގުޅޭ ހިސާބު ތިލައެވެ. މިކަމުގެ ސަބަބުން ރަށުގައި ބަނދަރުކުރަން އަންނަ އޮޑިދޯނި ފަހަރަށް ބޮޑެތި ގެއްލުންތަކެއް ވެއެވެ.

ހއ.ކެލާ ބީޗް ސަރަހައްދު މަތިން ނަގާފައިވާ ފޮޓޯ އެއް

 

ގްރޭޑް 10 އާ ހަމައަށް ތައުލީމް ހާސިލް ކުރެވޭ ކެލާއަކީ ތައުލީމަށް ލޯބި ކުރާ ބަޔަކު ދިރިއުޅޭ ރަށެެކެވެ. އެގޮތުން ރަށަށް ނިސްބަތްވާ ގިނަބަޔަކު މިހާރު ވެސް އެކިއެކި އިސް މަގާމުތަކުގައި ތިބިކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ފިޝަރީޒް ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ގައުމަށް ހިދުމަތް ކުރައްވަމުން އަންނަ ޑރ. މުހައްމަދު ޝިހާމް ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން އެ ރަށަށް އުފަން ޗާޓެޑް އެކައުންޓުންނާއި އެއާކްރާފްޓް އިންޖީނިއަރުންނާއި މެޑިކަލް ޑޮކްޓަރުންނާއި ތަފާތު ފަންނުވެރިންނާއި މިއުޒިޝަނުންނާއި ފަހުރުވެރިވާ ފަދަ ޕައިލެޓެއް ވެސް ދަނީ ގައުމަށް ހިދުމަތް ކުރަމުންނެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ކެލާ އަށް އުފަން ވަރަށް ގިނަ ބަޔަކު ދަނީ ވަޒީފާ އަދާކުރަމުންނެވެ.

ކެލާ އަކީ ޓޫރިޒަމް ވިޔަފާރީގެ މުސްތަގުބަލު އޮތް ރަށަކަށް ވާއިރު ރަށުގެ ރައްޔިތުންގެ ވިސްނުން ވެސް ހުރީ ޓޫރިޒަމް އިން ކެލާ އަކީ ރާއްޖޭގެ އެއްވަނަ އަށް ހެދުމަށެވެ. މިހާރު ރަށު ރައްޔިތުންގެ ހުވަފެންތަކާއި ގުޅި ލާމެހިފައި ވަނީ ރަށުގައި އަޅަން ތައްޔާރުވަމުންދާ ސިޓީ ހޮޓަލެވެ. ކެލާ ރައްޔިތުން ތިބީ ސިޓީ ހޮޓަލުގެ ފޮނި މީރުކަން ރަށަށް ހޯދުމަށް ނުހަނު ކެތް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ވަރަށް ފުރިހަމަ..

    7
    1
  2. ފަޅުވެރިން

    1953 އެއީ ހަނގުރާމައިގެ ދުވަސްވަރަކަށް ނުވާނެ ދެއްތޯ؟ ހަނގުރާމަ ދެމިއޮތީ 1939 އިން 1945 އަށް.