(ހއ. އިހަވަންދޫ) ރާއްޖެ އަކީ ޒަމާނުއްސުރެ މަސްވެރިކަމަށް ބަރޯސާވެފައިވާ ރައްޔިތެއް ދިރިއުޅެމުންދާ ގައުމެކެވެ. ރާއްޖެއަކީ %99 ހިއްސާވާ ގައުމަކަށްވާ އިރު، މަސްވެރިކަންކޮށްގެން ދިރިއުޅެމުން އައި ދިވެހީންގެ އަދަދު އަދިވެސް ވަރަށް ގިނައެވެ. މަސްވެރިކަން ކުރުމުގައި އޮންނަ ވާދަވެރިކަންވެސް އެހާ ބޮޑެވެ. އެކި އަތޮޅުތަކުގައި އަދި އެކި ރަށް ތަކުގައި ވެސް މަސްވެރިކަން ކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އޮވެއެވެ.

މަސްވެރިކަން ކުރަމުން އަންނަ ދިވެހި އާއިލާތަކުގެ ތެރެއިން ހއ. އިހަވަންދޫގެ މަސްވެރިން ފާހަގަ ކޮށްލެވެއެވެ. އަތޮޅުގެ އެންމެ މަސްވެރި އެއް ރަށުގެ ގޮތުގައި އިހަވަންދޫ ފާހަގަ ކޮށްލެވޭއިރު ރަށުގައި މަސްވެރިޔަކު ނޫޅޭ ގެއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"ވަގުތު ހޭރިޔާ" ދަތުރުގެ ތެރެއިން އިހަވަންދު އަށް ކުރި ދަތުރުގައި ޒުވާން މަސްވެރިއަކާ ބައްދަލުވިއެވެ. މި މަސްވެރިޔާއަކީ ކުޑަ އިރުން ފެށިގެން ވެސް މަހަށް ގޮސް އުޅުނު ޒުވާނެކެވެ. މަސްވެރިކަމަށް ނުލާހިކު ފޯރި އާއި ޖޯޝް ހުރި ޒުވާނެކެވެ.

އުމުރުން އެންމެ 18 އަހަރުގެ މަސްވެރިޔާ އިބްރާހީމް އައިމަން ބުނީ މަސްވެރިކަމުގައި އުޅޭތާ މިހާރު ދެ ތިން އަހަރުވެފައިވާ ކަމަށެވެ. އައިމަން ހަނދާނަށް އަންނަން ފެށީއްސުރެ ބައްޕަ މަހަށްދާ ކަމަށާއި މަސްވެރިކަމަކީ ވާރުތަވެފައިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ލިބޭ ހުސްވަގުތުތަކުގައި ކުޑައިރުއްސުރެ ރައްޓެހިންނާއެކު މަހަށްދާ ކަމަށް އައިމަން ބުނާއިރު އެންމެ ގިނައިން ދެވެނީ ގޮދާގެ މަސްވެރިކަން ކުރުމަށް ކަމަށް އޭނާ ބުންޏެވެ. އެންމެ ކުޑައިރު މަސްވެރިކަން ކުރީ ރަށުގެ އަތިރިމަތީގައި ކަންވާރު އުކައިގެން ރައްޓެހިންނާއެކު މަޖާކޮށްލުމަށެވެ.

"މިހާރު މިކުރަނީ ދެ ކިލޯ ތިން ކިލޯ ގޮދާގެ މަސްވެރިކަން. މިހާރު މަސްވެރިކަން ވަރަށް ދަށް. ރަށްފުށުގައި ޖަހާ ހާންހާނު އެހެން ދޭތެރެދޭތެރެއިން ހޭކިލާހެން 200 ކިލޯ 300 ކިލޯ މިހާރު ބޭނެނީ. ދެން ހާންހާނު ނުޖަހާ ދުވަސް ދުވަހު ބޮޔާ ގޮސްލާފައި ބޮއިގައި އެއްޗެއް ނެތިއްޔާ ދެން އެދުވަހު އެއްޗެއް ނުލިބޭނެ." މަސްވެރިކަން މިހާރު ކުރަމުން އަންނަ ގޮތް ކިޔައި ދެމުން އައިމަން ބުންޏެވެ.

އައިމަން ބުނި ގޮތުގައި ރަށުގެ މަސްވެރި އޮޑިފަހަރު އިތުރުވުމުގެ ސަބަބުން އެ އޮޑިފަހަރަށް ބޭނުންވާ ވަރަށް ރަށުން މަސްވެރިން ނުލިބޭ ހާލަތަށް މިހާރު ގޮސްފައިވާ ކަމަށެވެ. އޭގެ ސަބަބުން ރަށުގެ ބައެއް އޮޑިފަހަރުތަކުގައި މަސްވެރިންގެ ގޮތުގައި ބިދޭސީން ގެންގުޅެން މަޖުބޫރުވެފައިވާ ކަން ފާހަގަކުރިއެވެ.

އިހަވަންދޫގައި މަސްވެރި އޮޑިފަހަރު ގިނަވުމުގެ ސަބަބުން އެފަދަ އޮޑިފަހަރު ނެތް ރަށްތަކުގެ މީހުން އިހަވަންދޫގެ މަސްވެރި އޮޑިފަހަރުތަކުގައި މަސައްކަތް ކުރާ ކަންވެސް ފާހަގަ ކުރެވެއެވެ. މިއީ އިހަވަންދޫއާ ކައިރި ރަށްރަށުގެ ގުޅުން ބަދަހިވާނެ ކަމެކެވެ. އަދި ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންވާ މަސް ފަސޭހައިން އެކި ރަށްރަށަށް ލިބޭނެ ގޮތް މެދުވެރިވާނެ ކަމެއް ކަން ޔަގީނެވެ.

އައިމަން ބުނީ ރަށުގެ ބައެއް އޮޑިފަހަރުތަކުގައި ކައިރި ރަށްރަށުގެ މަސްވެރިންވެސް މަސައްކަތް ކުރާ ކަމަށެވެ. ރަށުގައި އުޅެމުން ރަނގަޅު އާމްދަނީއެއް ހޯދަން ކުރަން އެންމެ ރަނގަޅު އެއް މަސައްކަތަކީ މަސްވެރިކަން ކުރުން ކަމަށް އައިމަން ބުންޏެވެ. އަދި މިއީ ރަށުގެ ތަރައްޤީ އަށް ކުރެވޭނެ ކަމެއް ކަމަށް އޭނާ ދެކެއެވެ.

"މަހަށް ނުކުންނަނީ ހަވީރު 04:30 ގައި ނުކުމެ ރޭގަނޑު އެން އަޅައި އަނެއްދުވަހު ފަތިހު މަސްވެރިކަމުގައި ނުކުންނަނީ. ދެން ހެނދުނު ވާއިރަށް ހާންހަނުން މަސްބާނައިގެން މެންދުރަށް ވާއިރަށް އެތެރެ ވަންނަނީ." އައިމަން ކިޔައިދިނެވެ.

މަސްވެރިކަމުގައި އުޅުނަސް ގަވައިދުން ނަމާދަށް ފަރުވާ ބަހައްޓާކަން އައިމަންގެ ވާހަކައިން ފާހަގަވިއެވެ.

އައިމަން ބުނީ އޭނާ ބޭނުންވަނީ ފުލުހަކަށް ވާން ކަމަށާއި ފުލުހުގައި އުޅުނަން ހުސް ވަގުތުތަކުގައި މަސްވެރިކަންވެސް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މއކ

    މިކަހަލަ މީހުންގެ ވާހަކައޭ ގެނެސްދޭންވީ ޓިކްޓޮކް ކުޅޭމީހުންގެ ވާހަކަނުގެނެސް

    13
  2. ޝައުފާ

    ފިލްމު ކުޅެންވެސް ކަމުދާނެ. މިހާރު ފިލްމު ކުޅޭ ފިލްމުސްޓާރުންނަށް ވުރެ ރީތި. ވަރަށް ރީތި ކުއްޖެއް.

    3
    1
  3. މުޙައްމަދު އަޙްމަދު އ.ދ ތޮއްޑޫ

    ފުލުހުން، އައިމަން އާއި ގުޅައިގެން ގެންދަން ފެނޭ. ގައިގައި ވަރުހުރި، ހީވާގި، ޒުވާން، ކެރޭ، މުރާލި ކުއްޖެއް. މީގެ އިތުރުން ވަރަށް ދީންވެރި ވެސް ކުއްޖެއް. މިއީ ދިވެހިރާއްޖެ އަށް އަދި ފުލުސް އޮފީހަށް އެސެޓް އަކަށް ވާނެ ކުއްޖެއް. އިމްރާން، މީނާ އާއި ގުޅުއްވުން ވަރަށް އެދެން. ރަށު އޮފީހުން ފޯނު ނަންބަރު ލިބޭނެ.

  4. ޙާލިދު

    މިކަލަމޮޅެތި ކުދިންގެއެޑްރެސްޖަހާލި ނަމައޭނާފަޙްރުވެރި ވާނެ.