(ހއ. ކެލާ) ރާއްޖޭގެ އިސްލާމީ ރިސާލަތު ރަމްޒުކޮށްދެނީ ދިވެހިންގެ ޗާލު ފަހި މިސްކިތަކުންނެވެ. އެތައް ޒަމާންތަކަކަށް ފަތުރާލާފައިވާ ދިވެހިންގެ ގަދީމީ އިސްލާމީ ތާރީހުގެ ދިލާސާ އަކީ މި މިސްކިތްތަކާއި ގަބުރުސްތާނެވެ. އެފަދަ ތަންތަނަކީ ދިވެހިންގެ ދީނާއި އަގީދާގެ ރަމްޒަކަށް ވުމުގެ އިތުރުން ދިވެހިންގެ ކުޅަދާނަ ފަންނުވެރިކަމާއި، މަސައްކަތްތެރި މޭސްތިރީންގެ ނަމޫނާއަކަށްވެސް ފުދޭ ތަންތަނެވެ. ޒަމާންވީ މުސްކުޅި މިސްކިތްތަކުން ފެންނާން ހުރި އާރުހުރި މަސައްކަތްތަކުގެ ސަހަރޯވެރިންނަކީ މިއަދުގެ ޖީލުތަކެވެ.

ކާބަފައިން ދިވެހި ފަސްގަނޑަށް ދޫކޮށްދިޔަ ކޮންމެ ފަހުނިކަމަކީ ދިވެހި ތާރީހުގެ ހަޒާނާއަށް އިތުރުވި ބޮޅެކެވެ. މަހާނަގާތަކާއި، މިސްކިތްތަކުގައި ހިރިގަލާއި ވަކަރުގައި ކުރަހާ، ކަނޑާ ނަގާފައި ހުރި ކުރެހުންތަކަކީ ގަދީމީ ދިވެހިންގެ މަސައްކަތްތެރިކަން ހާމަކޮށްދޭ ބަހާއެކެވެ. ދިވެހި ކޮންމެ ފަސްގަނޑަކަށް އަރާ ބަލާލިޔަސް ދިވެހިންގެ މިސްކިތްތަކުން ދިވެހިންގެ ދިވެހި ތާރީހު ވަރަށް ރަނގަޅަށް ފެންނާން އެބަހުއްޓެވެ. އެފަދަ ތަންތަނަކީ ދިވެހިންގެ ފަޚުރުވެރި ތާރީހަށް ބާރުދޭ ބިނާތަކެވެ. ދިވެހިން އެތަންތަނާ މެދު ނުހަނު ފަޚުރުވެރިވާ ތަންތަނާއި ބިނާތަކެވެ.

ހއ. ކެލާ ހުކުރު މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގައި ހުރި މިފަދަ މިސްކިތްތަކުގެ ލިސްޓުގައި ރަން އަކުރުން ފަވާލެވޭނެ އެއް ނަމަކީ ހއ.ކެލާގައި ހުކުރު ހުކުރު މިސްކިތުގެ ވާހަކައެވެ. ޖުމުލަ 116.45 ސްކުއަރމީޓަރގެ މި މިސްކިތުގެ ކޮންމެ ކައިވިތަކަށް ކަފުން ވެފައި ވަނީ އެފަދަ ދެވަނަ މިސާލެއް ނެތް މަސައްކަތްތެރިކަމާއި އާރޯކަމެވެ. ބުނެވޭ ގޮތުން މި މިސްކިތަކީ މީލާދީން 1692ގައި ބިނާކުރި މިސްކިތެވެ. އޭރު ރާއްޖޭގެ ރަސްކަމުގެ ކޮއިލުގައި ރެދަލިކުރެއްވީ އަލްސުލްތާން މުހައްމަދު ޝަމްސުއްދީން ނުވަތަ ދިވެހި ތާރީހުގައި މަޝްހޫރު ނަމުން ނަމަ ދެއްވަދޫ ރަސްގެފާނެވެ. ތާރީހީ ލިޔުންތަކުން އެނގޭ ގޮތުން މި މިސްކިތް މިނާކުރެއްވީ ވެސް އެމަނިކުފާނެވެ. ތާރީހީ ލިޔުންތަކުން އެނގޭ ގޮތުން މި މިސްކިތް އެންމެ ފުރަތަމަ ބިނާކޮށްފައި ވަނީ ތެޅިގަލުންނެވެ. މިސްކިތަށް ވަންނަން ދާލަ އަކާއި ހަރުފަތްތަކެއް ވެސް ހުރިކަމަށްވެއެވެ. އަދި މިސްކިތުގެ ތިން ފަރާތަށް ވާގޮތަށް ފެންޑާތަކެއް ހުރުމުގެ އިތުރުން ކައްސާލެވޭ ވަކަރު ދޮރެއް މިސްކިތުގެ މައި ދޮރާށީގައި ހުއްޓެވެ.

ތިން ސަތޭކަ އަހަރަށް ވުރެ މުސްކުޅި ތާރީހެއް ދެކެފައިވާ މި މިސްކިތުގެ އިމާރާތަށް ޒަމާނާއެކު ބަދަލުތަކެއް އައިސްފައި ވީ ނަމަވެސް މި މިސްކިތް ވަރަށް ފުރިހަމައެވެ. އެ މަސައްކަތުގެ ޗަސްބަކަށް އަދިވެސް ބަދަލެއް ނާދެއެވެ. ވަރަށް ގިނަ ޢަރަބި ލިޔުންތައް ބެރިތަކުގައި ލާފެންކޮށް ލިޔެފައި ހުރި އިރު އެ މަސައްކަތަކީ އާޝޯހުކުރުވާފަދަ ފަންނުވެރި މަސައްކަތެކެވެ. މިސްކިތުގެ އެތެރެއަށް ވަދެ ބަލާލުމުން ފެންނަން ހުރި ހަތަރު ތަނބާއި އެތަނބުތަކާއި މިސްކިތުގެ މަތީ ފިލާ އާ ގުޅުވާލަދޭ ހިސާބުން ފެންނަނީ ލިޔެލާ ޖެހުމުގެ ހުނަރުވެރިކަމެވެ. މިސްކިތުގެ މަތީގައިވެސް ވަނީ ލިޔެލާ އާއި ލާޖެހުމުގެ ހުނަރުތަކުން ފުރާލާފައެވެ. މުށިކުލައިން ޖަރީވެފައިވާ މި މަސައްކަތަކީ ދިވެހި ކާބަފައިންގެ ލޭފަވެތި މަސައްކަތުގެ ނަތީޖާއެވެ. އެ ތަނަށް ބަލާލުމުގެ ކުރެވެނީ ޝާހީ އިހުސާސްތަކެކެވެ. ނަމަވެސް މިހާރު މަތިވަޑާމުގެ ބައެއް ބައިތަކާއި ދޮރުތަކުގައި ދުވަސްވެ ހަލާކުވަމުންދާ ތަންތަން އެބަހުއްޓެވެ.

ކެލާ ހުކުރު މިސްކިތް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިސްކިތުގެ ފުރިހަމަ ކަމުގެ ސަނާ މިހިސާބުން ނިމުނީކީ ނޫނެވެ. މި މިސްކިތުގެ ހަރިންމައާ ގުޅިފައިވާ ޤަބުރުސްތާނުގައި ހުރި ރިތި މަހާނަ ގާތަކަކީ ވެސް އަންތަރީސް ކުރުވާފަދަ މަހާނަ ގާތަކެކެވެ. އާއްމުކޮށް ރާއްޖޭގައި ފެންނަން ހުރި ޒަމާންވީ މަހާނަގާތަކަކީ ވަރަށް ރީތި މަހާނަގާތަކެކެވެ. އެހެނަސް މިއީ ރާއްޖޭގައި ހުރި މަހާނަ ގާތަކުގެ ތެރެއިންވެސް ފާހަގަކުރެވޭ ފެންވަރުގެ ހުނަރުވެރިންގެ މަސައްކަތްތައް މި މަހާނަގާތަކުން ފެނެއެވެ. އެ މަސައްކަތްތަކަށް ބަލާލުމުން އެކަމަށް ހޭދަވާނެ ވަގުތާއި ހަކަތައިގެ ބަރުހެލިކަން އިހުސާސްކުރެވެއެވެ. މިއީ ހައްތަހާވެސް ކުޅަދާނަ ސީއާގެ މިސާލެވެ.

ކެލާ މިސްކިތުގައި ހުރި މަހާނަ ގާތަކެއް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިސްކިތްތަކުގެ ޝާނު އިތުރުކޮށްދޭ ކަމަކީ މުންނާރުކަން ޔަގީނެވެ. މިސްކިތްތަކުގެ މުންނާރުތަކަކީ މިސްކިތާއި، އިންވެގެން ނުވަތަ މިސްކިތުގެ ގޯތިތެރޭގައި ވެސް ބިނާކޮށްފައި ހުންނަ ތަންތަނަށް ވާއިރު ކެލާގެ ހުކުރު މިސްކިތު ކުރިމަތީގައި މީގެ ކުރިން މިފަދަ މުންނާރެއް ހުރި ނަމަވެސް މިހާރު ފެންނާން ހުރީ އެ މުންނާރުގެ ވީރާނާވެފައިވާ މި މުންނާރަކީ ތިރި ފުޅާކޮށް މަތި ހިމަކޮށް ފަރުމާކޮށްފައި ހުރި މުންނާރަކަށް ވާއިރު މި މުންނާރުގެ ބުޑުގެ ވަށަމިނުގައި 18 ފޫޓު 5.2 އިންޗި އަދި މަތީކޮޅުގެ ވަށަމިނުގައި 9 ފޫޓު ހުރި އިރު މުންނާރުގެ އުސްމިނަކީ 5 ފޫޓެވެ. ފަސް ހަރުފަތް އެކުލެވޭ މި މުންނާރު ވީރާނާވެ ދިޔަ ގޮތެއް އަދި ވީނާރާވީ ކޮން އިރަކުކަން ސާފުކޮށް އެނގޭކަށް ނެތެވެ. އެކަމަށް ހެކިދޭ އެއްވެސް ލިޔުމެއް ފެންނާކަށް ނެތެވެ.

ކެލާ ހުކުރު މިސްކިތް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި މިސްކިތާއި މުންނާރަކީ ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ އާރުކާޓީއިންގެ ނަޒަރުގައި ހިމެނޭ ތަނަކަށް ވީނަމަވެސް އެތަނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދީ ތަނުގެ އަސްލަށް ހިލަން ނުވާގޮތަށް އެތަނުގެ އާބާތުރަ ފިލުވުމަކީ މިވަގުތަށް ބޭނުންތެރިކަމެކެވެ. އަދި އެތަން އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރުމަކީ މާދަމާގެ ޖީލަށް އަމާނާތްތެރިކަމާއި އެކު އެތަން ރައްދުކޮށްދޭން ކޮށްދެވޭނެ އެންމެ އަގުހުރި މަސައްކަތެވެ. މިފަދަ އަގު ހުރި ތާރީޚަކީ ފާއިތުވެ ގޮސްފައިވާ ޒަމާނެއްގެ މައުލޫމާތުގެ ހަޒާނާއެވެ. އަދި މިއީ ފާއިތުވި ޒަމާނާއި މި ޒަމާނާ ދެމެދުގައި ހިނގަމުންދާ ނިމުމެއްނެތް ވާހަކަދެއްކުންތަކަކަށް ވާއިރު މާދަމާގެ ޖީލަށް މި ވާހަކަތަށް ފޯރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން އުފުލަން ޖެހޭ ޒިންމާއެކެވެ.