ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ހުރި ޕާރުސަލެއް ރާއްޖެ ގެނައި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ އެއް މަސް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ބަންދުގެ އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި ޖަހާފައި އޮތް ފޯން ނަންބަރާއި އޭނާ ގެންގުޅޭ ފޯން ނަންބަރު ދިމާވުމުންނެވެ. އެމީހާ ހައްޔަރު ކުރީ ޕާރްސަލް ބަލާ ޑީއެޗްއެލް އަށް ގޮސް ހުއްޓައެވެ.

އޭނާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިން ނަންބަރު ނޯޓުކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.