ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އއ. މާގާ ވެސް ބައްލަވައިގެނެ، އެންމެ މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރައްވަން ނިންމަވައިފިއެވެ.

މާގާއަކީ މީގެ ކުރިން ރިސޯޓެއް ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޅިޔަނު މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)އަށް ދީފައިވާ ރަށެކެވެ. ރިސޯޓު ތަރައްގީ ކުރުމަށް މިރަށް ހަވާލުކޮށްފައިވަނީ ބިގް ސްޓޯން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އއ. މާގާ--

ނަމަވެސް އެއްލައިދޫ މަނިކު އަވަހާރަވުމާ ގުޅިގެން އޭނާގެ ދަރަނި އަދާކުރުމަށް އެ ރަށް ވިއްކާލުމަށް ނިންމީއެވެ. އެގޮތުން ހަބީބު ބޭންކުން ވަނީ ބިޑަށް ވެސް ހުޅުވާލައިފައެވެ. ޖާބިރު އެ ރަށް ބައްލަވައިގަތީ ވެސް އެ ބޭންކް މެދުވެރިކޮށެވެ. ޖާބިރާއި ހަބީބް ބޭންކާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ކޮޕީއެއް ވެސް "ވަގުތަށް" ވަނީ ލިބިފައެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ މާގާ ބައްލަވައިގަތީ ޕްރައިވެޓް އައިލެންޑެއް ގޮތުގައި ތަރައްގީ ކުރުމަށް ކަމަށެވެ. އަދި އެތަނުގައި ހަތް ވިލާ ތަރައްގީކުރާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު، ނ. ތަނބުރުދޫ ބައްލަވައިގަނެ މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރައްވަނީ

މާގާ އަކީ 2.8 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ. އަދި ރީތި ގޮނޑުދޮށަކާއި ބޮޑު ފަޅެއްވެސް އެރަށުގައި އޮވެއެވެ.

ޖާބިރު ވިދާޅުވީ، މާގާ ފަޅުތެރޭގައި އަރިއަތޮޅުގައި ހިންގާ އެންމެ ބޮޑު ޓޫރިސްޓު ރިސޯޓާއި ދެ ޕްރައިވެޓް އައިލެންޑު އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.

ޖާބިރު ވަނީ މީގެ ކުރިން ނ. ތަނބުރުދޫ ނަމަކަށް ކިޔާ ފަޅު ރަށެއްވެސް ބައްލަވައިގަނެފައެވެ.

ޖާބިރު ވިދާޅުވީ މުސްތަގްބަލްގައި ތަނބުރުދޫ ބަދަލުކޮށްލަން ބޭނުންވަނީ މަތީ ފެންވަރުގެ "ހައި ކްލާސް" ރިސޯޓަކަށް ކަމަށެވެ. އަދި އެ ރަށް ރިސޯޓަކަށް ބަދަލުކުރަން މަސައްކަތް ފައްޓަވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދަންނަވާފައިވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    ޖާބެއަށް ތިކަން ކުރެވިދާނެ ، ކުރާނެ ، ސާބަހޭ ޖާބިރޫ! ހިތާމައަކީ ހިނދު ހިނދު ކޮލު އަންނާތީ! އެހެން ނޫނިއްޔާ ހަމަ ބެސްޓޭ ބުނެވޭނީ!

    57
    36
  2. ކާސިންބެ

    އެންމެން ހުރިހާއިރަކު ހަމައިގައި ތިބޭކަން ނުޖެހޭނެ، އަންނާނެ ހިދުކޮޅު