ޒުވާނުންނަށް އެ ބަޔަކު ނިސްބަތްވާ އަތޮޅެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދެއްވަން މަސައްކަތް ކުރައްވައި އަތޮޅުތެރޭގެ އިގުތިސާދު ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫ އަށް ވަޑައިގަތުމުން އެރަށު، އުފާ، އައިޝަތު ރައުނާ މުހައްމަދު، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައުނާގެ ސުވާލަކީ ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށްދެއްވޭނެތޯ އެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވީ ޒުވާން ކުދިންނަށް މާލެ ނުގޮސް އަތޮޅުގައި، އަދި އަމިއްލަ ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތު ހޯދަދޭން ބޭނުންވާ ކަމަށެވެ.

"ވަރަށް ރަނގަޅު ސުވާލެއް ރައުނާ ތި ކުރީ. މި އަތޮޅަކީވެސް (ތ. އަތޮޅު) ވަޒީފާގެ ފުރުސަތު ނިސްބަތުން ކުޑަ އަތޮޅެއް. އެންމެ ރިސޯޓެއް އޮތީވެސް. އެހެންވީމަ ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މިތަނަަށް ގެނެވިގެން. ޓޫރިޒަމް ފުޅާކޮށް ރިސޯޓުތައް މިތަނަށް ގެނެވިގެން. މަސްވެރިކަންވެސް ފުޅާކުރެވިގެން. ނޫނިއްޔާމު ޒުވާނުންނަށް ބޭނުންވާނެ އެކި ކަހަލަ ކްރިއޭޓިވް އެކި ކަހަލަ ފުރުސަތު ހޯދަދޭންވެސް. އެއްކަމަކީ ކޮންމެ ތާކު ހުރެގެންވެސް ކްރިއޭޓިވް އިކޮނޮމީ އެއް ގާއިމުކުރަން މަސައްކަތްކުރެވިދާނެ. އޭރަށް އެކުއްޖެއްގެ ޓެލެންޓު އޮންލައިން ވިޔަފާރީގެ ތެރެއިން ބޭރުގެ މާކެޓުތަކަށް ޕޭމަންޓްް ގޭޓްވޭގެ ތެރެއިން ފަހިކޮށްދިނުން." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންގެ ތެރެއިން އެކި ކަހަލަ ހުނަރު ހުންނަ ކުދިން ތިބޭނެ ކަމަށާއި އެ ހުނަރުތައް ކޮންމެ ތާކު ތިބެފެންވެސް ވިއްކާލުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ކޮންމެ މަސައްކަތެއްވެސް ކުރަން ބޭނުންވާ ޒުވާނުންނަށް އަތޮޅުތެރޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އަދި އެކަމަށް އިގުތިސާދު ފުޅާކުރަންޖެހޭނެ ކަމަށާއި އިގުތިސާދު ފުޅާކުރުމަށް ވިސްނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކުގައި ތ. އަތޮޅަށް އެފަދަ ފުރުސަތު ލިބިފައިނުވާ ކަމަށާއި އަތޮޅު ރައްޔިތުންވެސް އަދި ރައުނާވެސް އުއްމީދު ކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ނަތީޖާ ނެރެދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.