އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފެށުމުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީ ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އުސްތާޛެއްކަމަށްވާ ޙުސައިން ޝާކިރު މުޙައްމަދެވެ.

މީގެ އިތުރުން މި ޖަލްސާގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ އަޝްރަފް ޢަބްދުއްރަޙީމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އާދަމް ޒާހިރު ވެސް ވަނީ ބައިވެރިވެ ވަަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން ޝާކިރު ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވަނީ މިފަދަ މުބާރާތެއް ބޭއްވުމުގައި ދިވެހިބަހުގެ އެކެޑަމީއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، މުބާރާތްތައް ބާއްވާނެ ހޯލެއް ނެތުން ކަމަށް ފާހަގަކޮށް ދިވެހިބަހުގެ އެކަޑެމީ ތެރޭގައި ހޯލެއް ހައްދަވައިދެއްވުމަށް އެދިވަޑައިގަނެފައެވެ.

ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ގްރޭޑް 7 އިން ފެށިގެން 12 އާ ހަމައަށް ކިޔަވާ ދަރިވަރުން ވާހަކަ ދައްކަން ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި އަތޮޅުތަކާއި މާލޭގެ ސްކޫލުތައް ހިމެނޭހެން، 29 ސްކޫލަކުން 312 ދަރިވަރުން ބައިވެރިވެއެވެ.