މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯއްދަވައިދެއްވައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު ފެންނަކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި އެމަނިކުފާނު ވަނީ ޤައުމަށް ތެދުވެރިވެ، ދީނަށް ޙުރުމަތްތެރިކޮށްހިތައި، ދައުލަތަށް ވަފާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް އެތަކެއް ދިވެހިންގެ ކަންބޮޑުވުމެއް ކަމުގައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައިވެ، މި ސަރުކާރުން އިރާދަ ކުރެއްވިއްޔާ ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ އަލިރަސްގެފާނުގެ ޤައުމީ ޖިހާދުގެ ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ޙައްޤަށް ނަޞްރުދެއްވާނެކަން ކަމަށެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ދައުލަތަށް ހުރި ވަފާތެރިކަން ފާހަގަކުރައްވައި އެފަދަ ސިފަތައް އަށަގެންނެވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މީގެ އިތުރުން ވެސް ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިންމު ޤައުމީ އެތައް ފިލާވަޅަކާއެކު ކަމަށާއި، އެ ފިލާވަޅުތަކުން ދޭހަކޮށްދޭ އިބުރަތްތައް ހާސިލުކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ބަލަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އެމަނިކުފާނު ވަނީ ތަފުޞީލީގޮތެއްގައި ތާރީޚުގެ ފަތްފުށްތަކުން ފެންނަ ހެކިތަކާއެކު އެއިން ލިބިދޭ ފިލާވަޅުތައް މިއަދުގެ ޚިޠާބުގައި ވިދާޅުވެދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާގޫތު

    އަލްހަމްދުލިﷲ. ވަރަށް ކެރޭ ނިންމުމެއް. މަޖިލިސް އިންތިހާބުން ކާމިޔާބު ވެގެން މިކަން ވާން އޮތްކަމަށް ފެންނަނީ. އެއީ އެމްޑީޕީއަށް މަޖިލިސް ލިބިއްޖެނަމަ، ކަނޑު ވިއްކައިގެން ލިބުނު ފައިސާގެ ދިފާއުގައި އެމީހުން ނިކުންނާނެތީ

    7
    5
    • އަބްދުﷲ

      ބަޔަކު މޮޔަވެގެން އުޅޭހެން ހީވަނީ. ކަނޑެއް ވިއްކައިގެން އެބަ އުޅޭތަ ބަޔަކު. ތަންކޮޅެއް އަޑު އަހާލަން ފަސޭހަ ޤަބޫލުކުރެވޭ ވާހަކައެއް ދައްކަބަލަ.

      1
      2