މި ސަރުކާރުގައި މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކުރީ މަސްވެރިން އަދި މިފްކޯ ސަލާމަތުން ބޭއްވުމަށްޓަކައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަހުގެ އަގަށް ބޮޑު ބަދަލެއް ގެނައީ އޮޅުވާލައިގެން ކަމަށާއި އޭގެ ސަބަބުން މިފްކޯ އޮތީ ވަރަށް އަޑިއަޅާފައި ކަމަށެވެ. އެހެންކަމުން މިފްކޯ ސަލާމަތް ކުރުމަށްޓަކައި އަދި މަސްވެރިންނަށް ހައްޤު ހޯދައި ދިނުމަށްޓަކައި މަހުގެ އަގަށް މި ސަރުކާރުން ބަދަލު ގެނައީ ކަމަށެވެ.

"17 ރުފިޔާއިން 25 ރުފިޔާއަށް އޭރު ބޮޑުކުރެވުނީ އީޔޫ އާއި އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކުޑަ ނޫނީ ޒީރޯ ވާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ކަމަށް އޭރުގައި ވިދާޅުވި. އެހެންނަމަވެސް އަޅުގަނޑުމެން ސަރުކާރަށް އައިސް ފޮތްތައް ހާވާ ބަލާލިއިރުގައި މާތްކަލާކޯ އަދި މިއޮތީ މިކަން ކުރެވޭ ހިސާބަކު ނޫން." ޝިޔާމް ވިދާޅުވިއެވެ.

މަހުގެ އަގު 20 ރުފިޔާއަށް ކުޑަކުރުމުގައި މަސްވެރިންނަށް މަހުގެ އަގު ބަރާބަރަށްް ލިބުމުގައި ކިހާވަރުގެ ހެޔޮ ބަދަލެއް ލިބިދާނެތޯ އަދި ފެލިވަރުގެ ސްޓޯރޭޖް ބޮޑުކުރުމުގެ މިހާރުގެ އަޕްޑޭޓަކީ ކޮބައިތޯ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ގެންގުޅުނީ ދައުލަތަށް ކެތްވާވަރުގެ އަގެއް ނޫން ކަމަށާއި މަސްވެރިންވެސް އެކަން ޤަބޫލުކުރާ ކަމަށެވެ.

"ފުރަތަމަ ކަމަކީ މަސްވެރިން މިއަދު މިތިބި ހާލަތު ބަދަލުކުރުމަށްޓަކައި ގެނެވުނު ބަދަލެއް. ދައުލަތަށް ކެތްވާ ވަރުގެ އަގެއްގައި މަސްގަންނަން ޖެހޭނެ ކަމަށް މަސްވެރިން ގަބޫލުކުރާތީ އާއެކީގައި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ނެތީތީވެ މި ބަދަލު ގެނެސްގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އަގަކަށް އަޅުގަނޑުމެން މިގެނައީ" ޝިޔާމް ވިދާޅުވިއެވެ.

އަދި މިއަގަކީ މީ ރައީސް ޑރ.މުއިއްޒު އެމަނިކުފާނުގެ ކެމްޕެއިނުގައިވެސް ވައުދުވެ ވަޑައިގެންނެވި ގޮތަށް 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ހަމަޖެއްސުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި މިބަދަލާއެކީ މިހާރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީ އެއްކޮށް ޚަލާސްކުރުމަކީ އެންމެ މުހިންމު އަމާޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި އޮންނާނީ 250 މިލިޔަން ރުފިޔާ ސްބްސިޑީޒްގެ ގޮތުގައި އެހެންނަމަވެސް މަހުގެ އަގަށް ގެނެވުނު ބަދަލު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލު ގެނައުމާއި ގުޅިގެން ސިބްސިޑީޒްގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިޔަން ރުފިޔާ ދައްކަން ޖެހުނު ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ފެލިވަރުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން ފެެށި މަސައްކަތެއް ކަމަށާއި މިސަރުކާރު އައިއިރު އެ މަސައްކަތުގެ ނިމިފައިވަނީ 2.5 ޕަސެންޓު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ސްޓޯރޭޖް އިތުރުކުރުމާއި ޕްރޮސެސިން ލައިން އިތުރުކުރުން ކުރިޔަށް ގެންދަން ނިންމާފައިވާއިރު ކުރީ ސަރުކާރުން މަސައްކަތް ފެށިތާ 2 އަހަރުވިއިރު ސްޓޯރޭޖްގެ މަސައްކަތް ނިމިފައިވަނީ އެންމެ 2 އިންސައްތަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ މި މަސައްކަތުގެ ކޮންޓްރެކްޓަރ ބަދަލު ކުރެވެން އޮތް ނަމަ ބަދަލުކޮށްގެން ނަމަވެސް ފެލިވަރުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ.