ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ރިޝްވަތު ނަންގަވައި ވޯޓަށް ފިއްލެވި އިރު، އެ މެމްބަރުންނާ މެދުގައި އެއްވެސް ފިޔަވަޅެއް ނޭޅި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެމްޑީޕީ އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ އެންޓި-ޑިފެކްޝަން ގާނޫނު އެކުލަވާލައި ޕާޓީތަކަށް މެންބަރުން ވަކި ކުރެވޭ ގޮތް ހަދާއިރު، ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ދާއިރާގެ ރައްޔިތުންގެ ވޯޓުން މެމްބަރުން ވަކި ކުރެވޭނެ ހެން ރީކޯލް ވޯޓެއް ނެގުމާ ގުޅޭ ބައެއް ބިލްގައި ހިމަނަން ޖެހޭ ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި އޭގެ ކުރިން ސިޔާސީ ޕާޓީތަކުގެ ގާނޫނު ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އެ ގާނޫނު ހަރުދަނާ ނުކުރެވޭ ނަމަ، ޕާޓީތަކުގެ ވެރިންނަށް ހޮވޭ މީހުންނަކީ އެއްވެސް އިތުބާރެއް ނެތް، ރައްޔިތުންގެ ލޯތްބެއް އަދި ގާބިލްކަމެއް ނެތް ބަޔަކަށް ވެގެން ދާނެ ކަމަށެވެ. ސަނީފް ވިދާޅުވީ، 18 ވަނަ މަޖިލީހުން ހެދި އެންޓި-ޑިފެކްޝަން ގާނޫނު އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު އުވާލީ އަމިއްލަ މަންފާ އަށް ކަމަށާއި އެ ގާނޫނު އުވާލައިގެން ނުވާނެ ކަމަށެވެ.

"އެ ގާނޫނަކީ ހަރުދަނާ ކުރަން ޖެހޭ ގާނޫނެއް،" ސަނީފް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ވެސް އެންމެ ފަހުން ހޮވުނީ އެއްވެސް މީހަކު ކުރިމަތިނުލާތީ ހޮވުނު ރައީސެއް ކަމަށާއި މިފަދަ ކަންކަން ތަކުރާރު ވާނަމަ ޕާޓީތަކުގެ ސައްހަކަން ގެއްލިގެން ދާނެ ކަމަށް ސަނީފް ވިދާޅުވިއެވެ.

"އެހެންވީމަ ޕާޓީތައް ހަރުދަނާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ސަނީފް ވިދާޅުވިއެވެ.

"އެންމެ ފަހުން އާ ސަރުކާރު އައިސްގެން ވަޒީރުންނަށް ރުހުން ދިން ވޯޓުގައި އެމްޑީޕީ މެމްބަރުން ރިޝްވަތު ނަގައިގެން ރުހުން ދިން އިރު،އަދި އެ ވޯޓަށް ފިލިއިރުގައި މިއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކި އެއްވެސް ލީޑަރެއް އެމްޑީޕީގައި ނެތް ކަން އަޅުގަނޑު ފާހަގަ ކުރަން. މިއާ އެއްކޮށް ޕާޓީ ވިއްސި ވިހާލިވެ ޕާޓީ ދެކަފި ވެގެން ދިޔައިރުގައި އަޅުގަނޑުމެން ތްރީލައިން ވިޕް ނޫން ވިޕަށް ވޯޓު ނުދިނީމާ އަޅުގަނޑުމެންގެ ވާހަކަ ދެއްކީމާ މިއީ ލަދުވެތި ކަމެއް،" ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުތަކުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރު ކަމުގައިވާ ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިން ދުވަހު ރިޝްވަތު ނެގި މީހުންގެ ވާހަކަ ނުދައްކާ، ޕާޓީގެ ލީޑާޝިޕުން އަޑީގައި އޮވެ އޭނާ ބަދުނާމު ކުރަނީ ޝާހިދު ހިންގަވާ ނޫހަކުން ކަމަށެވެ. އަދި އެ ނޫހަށް ލިޔުއްވަނީ ވެސް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ކަމަށް ސަނީފް ތުހުމަތު ކުރެއްވިއެވެ. އަދި އޭނާ ބަދުނާމް ކުރި ކުރުން ކުށްވެރި ކުރައްވާ ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ، މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ޕާޓީތައް ހަރުދަނާ ނުވެ އޮތް ނަމަ، ލީޑަޝިޕުން ހަދާނެ ގޮތެއް ނޭނގޭ ކަމަށާއި ކޮންމެ ގޮތެއް ވެސް ހަދާފާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ މި މަޖިލީހުން މިއަށް ގޮތެއް ނިންމައި ރިޝްވަތުގެ ކަޅު ފައިސާގައި ޖެހޭ މީހުން، ހަގީގީ މީހުން އިނގޭ ގޮތަށް މިކަން ނިންމައިދިނުން،" ސަނީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަންބުޝްރީ

    މީނައަށް ރޯދަހިފަން ޖެއްސީކީ އެމްޑީޕީއަކުންނޫން.

    9
    27
    • ޙެހެހ

      ތީ އެމްޑީޕީން މަޖިލިސް އިންތިޚާބަށް ދައްކާލި ޤާނޫނެއް ، ތި ޤާނޫނު ފާސްކުރާކަށް އެމްޑީޕީއަކަށް ނުކެރޭނެ %100

  2. ހނހ

    އެމްޑީޕީން އަސްލު މެންބަރުންނައް އިތުބާރު ނުކުރޭ އެހެންވެ ހުވާކުރުވަނީ