"ވަގުތު"ގެ ނިއުސް ޑިރެކްޓަރ މުޙައްމަދު ޔާމީންގެ ކާފަ, ކ.މާލޭ / ގ. ޝާމިލް ޙަސަން ޝުކުރީ ވަނީ މިއަދު އަވަހާރަވެފައެވެ.

ޙަސަން ޝުކުރީ އަވަހާރަވުމާއި ގުޅިގެން ޔާމީންގެ އާއިލާއަށް ލިބިފައިވާ ހިތާމައިގައި "ވަގުތު" އާއި "ވަގުތު" ގެ މުވައްޒަފުން ބައިވެރިވަމެވެ. އަދި ޙަސަން ޝުކުރީގެ އާއިލާގެ އެންމެހައި މެމްބަރުންނަށް ތައުޒިއާ ދަންނަވަމެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޙަސަން ޝުކުރީ (79) އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައި.ސީ.ޔޫ ގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

49 އަހަރާއި 10 މަހަށް ވުރެ ދިގު މުއްދަތެއް ވަންދެން ދައުލަތަށް ޚިދުމަތް ކުރެއްވުމަށް ފަހު ޙަސަން ޝުކުރީ ރިޓަޔާ ކުރެއްވީ ސެޕްޓެމްބަރު 29، 2009 ގައެވެ. ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވުމާ ގުޅިގެން ހަސަން ޝުކުރީގެ ޚިދުމަތުގެ އަގު ވަޒަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 26 ގައެވެ.

"ވަގުތު" މުވައްޒަފުންގެ ދުޢާ އަކީ ޙަސަން ޝުކުރީގެ ކުށް ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ.

ޙަސަން ޝުކުރީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ތަރާވީޙް ނަމާދުގެ ފަހުގައި ހުޅުމާލޭ މަސްޖިދު ޒައިދު ބިން ޘާބިތު (ސަހަރާ މިސްކިތް) ގައެވެ.