ރާއްޖެ އިން ނަގާފައިވާ ލޯންތައް ދެއްކުމުގައި ފެއިލް ނުވާނެ ކަމަށާއި ލޯންތައް ދައްކަމުން ލޯންތަކަށް އިތުރު ލުއި ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު، މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖެ އިން ދައްކަން ޖެހޭ ބޭރުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެތެރޭގެ ދަރަނީގެ ގޮތުގައި ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި ވެސް ނުވަ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ނަމަ، ރާއްޖެ އިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިއާ ހިމެނެއެވެ.

އަވަށްޓެރި އިންޑިއާ އަށް ބަލާއިރު، އެ ގައުމުން ލޯނުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ދޭން ކަނޑައެޅިއެވެ. އެ ބިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް އައިއިރު، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ރާއްޖެ އަށް ލޯނުގެ ގޮތުގައި ދީފައިވަނީ 6.2 ބިލިއަން ރުފިޔާއެވެ. ސޮވެރިން ގެރެންޓީގެ ގޮތުގައި ދީފައިވާ 2.1 ބިލިއަން ރުފިޔާއާ އެކުގައި ރާއްޖެ އިން އިންޑިއާ އަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 8.3 ބިލިއަން ރުފިޔާ އަށް އަރައެވެ. ޗައިނާ އަށް ބަލާއިރު، ރާއްޖެ އިން އެ ގައުމަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު ވެސް 18 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ޑރ. މުއިއްޒު ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ އަރިހަށް ދޮރުން ދޮރަށް ވަޑައިގެންނެވުން -- ވަގުތު އިމޭޖެސް: މުހައްމަދު ނާއިލް ހުސެއިން

"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އިން ނަގާފައިވާ ލޯންތަކުގެ ތެރެއިން މުއްދަތު ހަމަވާ ލޯންތައް ކަނޑައެޅިފައިވާ ތާރީހުތަކުގައި ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހަށް ހަމަވާން އޮތް ލޯނަކަށް ފައިސާ ދައްކައި ހަލާސް ކުރިއިރު، އޭގެ ކުރީ މަހުގައި ވެސް ލޯނަކަށް ފައިސާ ދައްކާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، އެ ލޯންތަކުގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.

"އަޅުގަނޑުމެން ވާނީ ހުރިހާ ޕޭމަންޓުތަކެއް ޝެޑިއުލް އަށް ހަދަމުން ގޮސްފައި. އިރާދަކުރެއްވިއްޔާ ދަރަނި ދެއްކުމުގައި އަޅުގަނޑުމެންނެއް ފެއިލްއެއް ނުވާނެ. ހަމަ ބަރާބަރަށް ފައިސާ ދައްކަމުން ދާނީ. ލޯން ރީޕޭމަންޓުތައް ހަދަމުން ދާނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ލޯންތައް ދައްކަމުން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް ހޯދަމުން އަންނަ ކަމަށެވެ. އަދި ފައިނޭންޝިއަލް އެކިއެކި ފެސިލިޓީތައް ވެސް ހޯދުމުގެ މަސައްކަތް ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި އާއި ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަން ފާހަގަ ކުރައްވައި އެކަމުގެ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އާންމު ރައްޔިތުންނަށް ދަތިވާ ކަންކަމުގައި ލުއިތައް ދެމުން، ދަރަނި ދައްކަމުން އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންވެސްޓްމަންޓްތައް އިތުރު ކުރަމުން އަޅުގަނޑުމެން އިގްތިސާދު ކުރިއަށް ގެންދާނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ދަރަނީގެ ކަންކަމުގައި ލުއި ގޮތެއް ހޯދަން އިންޑިއާ އަށް ދެންނެވިން"

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ މެދުވެރިކޮށް ނަގާފައިވާ ދަރަނީގެ ކަންކަމުގައި ލުއި ގޮތްތަކެއް ހޯދަން ޓްރާންސިޝަނަލް ޕީރިއަޑްގައި އިންޑިއާ ސަފީރު މުނޫ މަހާވަރުއާ ބައްދަލު ކުރައްވައި އެދިވަޑައިގެންނެވި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރަށް ދެއްވެން އޮތް އެންމެ ބޮޑު ލުޔެއް ދިނުމަށް ވެސް އިންޑިއާ ސަފީރުގެ ކިބައިން އެދިވަޑައިގެންނެވި ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންވެ، ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން އެކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މުއިއްޒު އިންޑިއާ ސަފީރާއެކު ބޭއްވެވި ބައްދަލުވުމގެ ތެރެއިން--

ރައީސް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އަދި އެންމެ ކައިރީގައި އޮތް އަވަށްޓެރި ގައުމެވެ. އަދި "އަވަށްޓެރި ގައުމެއްގެ އަވަށްޓެރި ކަމެއް" ބަދަލެއް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާ އެކީގައި އެމަނިކުފާނުގެ ސަރުކާރެއްގައި އިސްކަން ދެއްވާނީ ދިވެހި ރައްޔިތުން ކަމާއި އެއީ ޕްރޯ މޯލްޑިވްސް ސިޔާސަތުކަން ކެމްޕެއިން ތެރޭގައި ވެސް ފާހަގަ ކުރެއްވި ކަމުގައި ރައީސް ވިދާޅުވިއެވެ.

"ރާއްޖެ އަށް ރަނގަޅު ގޮތް ލިބޭ ކަމުގައިވާ ނަމަ، އަޅުގަނޑުމެންނާ ގާތް ގުޅުން އޮންނާނެ ހުރިހާ ގައުމަކާ ވެސް. އެއީ ކައިރި ގައުމެއް ވިޔަސް، ދުރު ގައުމެއް ވިޔަސް. ބޮޑު ގައުމެއް ވިޔަސް، ކުޑަ ގައުމެއް ވިޔަސް. އެއީ އަޅުގަނޑުގެ ސިޔާސަތަކީ. އެހެންވީމަ އިންޑިއާއާ އެ ގާތްކަން އޮންނާނެ މި ދެންނެވި ހެން ރާއްޖެ އަށް ފައިދާ ވާ ގޮތަށް ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދެވޭ ކަމަށްވާ ނަމަ." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް މިހާރު ހިނގަމުން ދަނީ ކުރިއަށް ވުރެ ބާރަށެވެ. މިސާލެއްގެ ގޮތުގައި ތިލަމާލެ ބްރިޖު މަޝްރޫއު ފާހަގަ ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ވެސް ބާރަށް ހިނގަނީ ސަރުކާރުން ދޭ ސަމާލުކަން ބޮޑުވީމައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮއްޔާ

    ވެރިކަން ބީވެއްޖެކަން ގައިމުވީމާވެސް އަދިވެސް އިތުރަށް ދެންއަންނަން ހުރި މީހާއަށް ޖެއްސުމަށް އެތަށް ދަރަނިތަކެއް ގައުމުގެ ބޮލުގައި އެޅުވީމާ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ // އެހެންސް ﷲއިރާދަފުޅުން މިގައުމުގެ ހާލަތު
    ރައިސް ޑރމުއީޒު ބަދަލުކޮށްލާ އެތަން ފެންނާނެ // އިންޝާﷲ......

    25
    2
  2. ރރރ

    ޕއެސް އެމްގެ ދަރަނިވެސް ދައްކައްޗޭ. އެއީ ވަރައް ހަޑި ބައެކޭ.

    3
    2
  3. ރރރ

    ދަރަނި ދައްކަނީއޭ ކިޔާފަ ތިލަފުށި ވިއްކާފަ ގުޅިފަޅު ވިއްކާފަ !!!ސިޔާސީމީހުން ވަގައްކާން ދަރަނި ނަގަނީ !!!!ދަރަނިން އާއްމު ރައްޔިތުންނައް ވާފައިދާއެއް ނޯވޭ. ވޯޓު ހޯދަން ވެގެން ދައްކާ މަކަރުވެރި ހުވަފެނީވާހަކަ.!! މީނަގެ ގުރޫޕްމީ އައްނި ގުރޫޕައްވުރެ ކެރިގެން ގަޓުގަ ދޮގު ޚިޔާލީ ފޮލާ ރައްޔިތުންނައް ފަތުރާ ބައެއް. !!