ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ފުރިހަމަ ޔަޤީން އެބައޮތް ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އައު މަޖިލިސް ރައްޔިތުންނަށް ފެންނާނީ ފާއިތުވި މަޖިލިސްތަކާ ތަފާތު މަޖިލީހެއްގެ ގޮތަށް ކަމަށެވެ. އެ މަޖިލީހުގައި މުޅިންވެސް އޮންނާނީ ރައްޔިތުންގެ ލާބަޔައި މަންފާއަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ވިހި ވަނަ މަޖިލީހުގައި ރައްޔިތުން ދީފައިވާ މެޖޯރިޓީ ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ 17 އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ މަސައްކަތް ކުރެެއްވި ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ނުކުރެވުނަސް ރާއްޖޭގެ ސިޔާސީ މައިދާނުގެ ވާނުވާ އޭރުވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް އަޅުގަނޑުމެންނަށް ލިބުނު މި މެޖޯރިޓީ ހިފެހެއްޓޭނެކަން، އެ ޔަގީންކަން އޮތް ގޮތަކީ، ތި ވިދާޅުވި ކޮންމެ ދައުރެއް އަޅުގަނޑު ދެކެފިން. އޭގެ ތެރެއިން 17 ވަނަ މަޖިލީހުގައި އަޅުގަނޑު މަސައްކަތް ކުރިން، 18 ވަނަ މަޖިލީހުގައި މަސައްކަތް ކުރިން ދެން 19 ވަނަ މަޖިލީހުގައި މަސައްކަތް ނުކުރެވުނަސް، 19 ވަނަ މަޖިލީހުގައި ތި ވިދާޅުވި ބަދަލު އައި އިރު އަޅުގަނޑު ސިޔާސީ މައިދާނުގައި އަޅުގަނޑުވެސް ވާނުވާ އެނގޭ ހިސާބުގައި ހުރިން،" އަދުރޭ ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބި ނުހިފެހެއްޓެނީ ކީއްވެގެންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 12 މަޖިލިސް މެމްބަރުން ވަކިވެގެން ސަރުކާރާ ދުރަށް ދިޔައީ ކީއްވެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އަދުރޭ ރޭ އިތުރަށް ވިދާޅުވީ، އޭނާ ސިޔާސީ ހިސާބު ޖައްސަވަނީ ވަރަށް ރަނގަޅަށް ބައްލަވާފައި ކަމަށެވެ. މިހާތަނަށް އޭނާ ޖެހި ސިޔާސީ ހިސާބެއް ދިމާނުވެފައި ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ސިޔާސީ ހިސާބު ޖައްސަވަނީ ވަރަށް ބައްލަވާފައި ކަމަށާއި އެއީ އޯޑިއަންސް ހިތްހަމަޖައްސަން ނުވަތަ ނޫސްވެރިޔާއަށް ޖަވާބެއް ދެއްވަން ވިދާޅުވާ އެއްޗެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒާ އޭނާއާ ދެ ބޭފުޅުންނަކީ ރައީސް ވަހީދުގެ ވެރިކަމުން ފެށިގެން ވަރަށް ގާތް ގުޅުމެއް އޮތް ދެމީހުން ކަމަށެވެ. މިހާތަނަށް ކުރެއްވި މަސައްކަތްތަކުން ޑރ. މުއިއްޒު ފާހަގަކުރެވިފައި އޮތީ ވައުދެއްވެއްޖެއްޔާ އެ ވައުދެއް ފުއްދަވާ ބޭފުޅެއްގެ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އޮތް އެންމެ ބޮޑު އިތުބާރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެއްވެސްކަމެއް ދިމާވެގެން އެއްވެސް ބޭފުޅަކު ދުރަށްވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މެޖޯރިޓީ ނުހިފެހެއްޓިގެން ކުރީގެ ވެރިކަންތައް ދިޔަގޮތަށް މި ވެރިކަން ނުދާނެކަމުގެ ޔަގީން އެބައޮތް ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕާޕާ

    ކަލޭ ތިއަށްވުރެ މާބޮޑަަށް ތައުރީފުކުރި ރ. ޔާމީނަށް. އެކަމް އެންމެ ފަހުވަގުތު ހަރާންކޯރުވީ. ތި ރާގުވެސް ބަދަލުވާ ދުވަސް އައުމަކީ ހަމަ ވެދާނެ ކަމެއް.

    10
    5
  2. ޖޯކަޜޭ

    ޢަހަރުމެން ދެންޖެހޭނީ ޗައިނާބަސް ދަސްކުރަން ގައުމުއަތަކަށް ހިތަކަށްދޭން އުޅެނީ ލޮލް

  3. ޕޭމަންޓް

    ކިޔާނެ އެއްޗެއް އިތުރަކަށް ނެތް ދެފުންކެހެރި.