ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އިމާރާތް ކުރުމަށް ކުންފުންޏަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ކޮމްޕްލެކްސް އިމާރާތްކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމް ގެ ވަސީލަތްތައް ހިމަނައިގެންނެވެ.

ހުޅުމާލޭގައި އިމާރާތްކުރާ މި ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިމާރާތް ކުރާ ކޮންޓްރެކްޓަރ، ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒޯ ވެއިޑޮންގ އެވެ.

އެޗްޑީސީން މައުލޫމާތު ދެއްވިގޮތުގައި މި އެއްބަސްވުމުގެ ދަށުން ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތްކުރާ މި ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އާށް އަންނަ އިންގިލާބީ ބަދަލެއް ކަމަށެވެ. އަދި އޭގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ކުރިއެރުން ލިބޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެއެވެ.

އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެއެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެއެވެ.

މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސްފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހުޅުމާލޭ ސެންޓަރަލް ޕާކުގައި މެލޭޝިއާގެ ޓުވިންޓަވާ ކަހަލަ ބޮޑު ޝޮޕިން މޯލެއް އަޅާބަލަ، އޭރުން ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ އިތުރު ހަރުފަޔަކަށް ކުރިޔަށް ޖެހިލާނެ ! ތިޔައީ ވަކިބަޔަކަށް ފައިދާ ހޯދާދެން ކުރާ ކަމެއް !

  2. ޒުލޜ

    ވެޔާ ހައުޒިން ޒަމާނީ ވަމުންދާނީ ދެޖީބަށް ކޮންޓުރެކްޓަރުން ފައިސާ އަޅާދޭވަރަކަށް. އެ ހެވޭ ހުޅުމާލޭގަ ޕާރކިން ކަންކަން ހައްލު ނުވެ ދުއްވާ އެއްޗިހި އެކަތި އަނެކެތީގައި މަތީގައި ޕާކު ކުރަން ޖެހުނަސް. ނުވަތަ މީހުން ގިނަވެގެންގޮސް ފިލިޕީންސުގެ މެނީލާއަށް ވިޔަސް، އަދި ޒޯނިން އޮތްތާގަ ބަހައްޓާފަ މުޅި ރަަށް މަސްހުނިގަނޑެއް މޮޑޭހެން މާރުކޭޓާއި ފިހާރަތަކާއި މޮޑުނަސް.

    • Anonymous

      އެޗްޑީސީ އަކީ ބޮޑު ކަރަޕްޝަން ހާއްޔެއް ކަމެއް ރަގަޅު ކުރަން އުޅޭބަޔެއް ނޫން !