ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 99 މީހުން މިއަދު ހުވާކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 99 ފުލުހުން ކަމަށް ފުލުހުން ބުނެއެވެ. އެއީ އަންހެން 27 ފުލުހުންނާއި ފިރިހެން 51 ފުލުހުންނެވެ.

އޭގެ އިތުރުން، ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 10 ފުލުހުންނާއި ފިރިހެން 11 ފުލުހުން ހުވާކޮށްފައިވެއެވެ. ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި ފުލުހުން ވަނީ ސޮއިކޮށްފައެވެ.

އެރަސްމިއްޔާތުގައި، ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާން، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަހުމަދު ބިޝާރު އަދި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވި ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.