ޗަމްޕާ ސެންޓްރަލް ހޮޓަލުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ވައްކަމުގެ މައްސަލަ އާއި ގުޅިގެން އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ބަންދު އަމުރުގައި ބުނެފައިވަނީ އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕެއް ފެނިފައިވާ ކަމަށެވެ. އަދި އެ ލެޕްޓޮޕާއި ގުޅިގެން އޭނާ އާ ސުވާލު ކުރުމުން އެއީ އޭނާގެ އެއްޗެއް ކަމަށް ފުލުހުން ގާތު ބުނެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

އެހެން ނަމަވެސް މިއީ ކޮން ބްރޭންޑެއްގެ ލެޕްޓޮޕެއް ކަމެއްވެސް އޭނާއަށް ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ މި ލެޕްޓޮޕުގައި ހުރީ އަމިއްލަ ވިޔަފާރީގެ ލިޔެކިޔުންތައް ކަމަށެވެ. އަދި މި ލެޕްޓޮޕަކީ ޗަމްޕާ ސެންޓްރަލް ހޮޓަލުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ކަމަށް ބުރަވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.