ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މައުލޫމާތުތަކެއް އެކުލެވިގެންވާ ފޮތް "އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018" މިއަދު ނެރެފިއެވެ.

މިފޮތް ނެރެދެއްވީ މިއަދު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018 ނެރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ، މިފަދަ ފޮތެއް ނެރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހަކަތައާއި ބެހޭ ދާއިރާ ކުރިއަރަމުންދާ ގޮތާއި ހަކަތަ ބޭނުންކުރާ މިންވަރު އަދި ރާއްޖޭގައި ހަކަތަ ބެހިފައިވާ ގޮތް ދައްކުވައިދިނުން ކަމަށެވެ.

އަދި މީގެ ކުރިން ނެރުނު މި ސިލްސިލާގެ ފޮތްތަކާ ހިލާފަށް މިއަހަރުގެ ފޮތުގައި ރާއްޖޭގެ ރަށްރަށުގެ އިތުރުން ބައެއް ރިސޯޓުތަކުން ހަކަތަ އުފައްދާ މިންވަރާ ބެހޭ މައުލޫމާތު ވެސް ހިމަނާފައިވާނެ ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމުލަ 240 މެގަ ވޯޓް ކެޕޭސިޓީގެ ޖެނެރޭޓަރު ބެހެއްޓި ވޭތުވެދިޔަ އަހަރު ތެރޭގައި އިރުގެ އަލިން ހަކަތަ އުފަދާ މިންވަރު 11 މެގަވޯޓަށް ވަނީ އިތުރު ކުރެވިފައި, އަދި މި އަހަރު ތެރޭ އިތާދަކުރުވަނިވި ހަކަތަ 15 މެގަ ވޯޓަށް އިތުރުވެގެން ދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

"މޯލްޑިވްސް އެނާޖީ އައުޓްލުކް ފޯ އިންހެބިޓަޑް އައިލެންޑްސް 2013" ނަމުގައި މި ސިލްސިލާގެ ފުރަތަމަ ފޮތް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ނެރެފަ އެވެ. މިއަދު ނެރެފައިވަނީ މި ސިލްސިލާގެ 4 ވަނަ ފޮތެވެ.

މިއަދު ނެރުނު އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ 2018 ގެ ތަފާސްހިސާބު ދައްކާގޮތުން 2017 ވަނަ އަހަރުގެތެރޭގައި 57,730 މެޓްރިކް ޓަނުގެ ޕެޓްރޯލް, 41,666 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭސް , 14,483 މެޓްރިކް ޓަނުގެ ކެއްކުމަށް ބޭނުން ކުރާ ތެޔޮ ވަނީ ރާއްޖެއަށް އެތެރެކުރެވިފައެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ ބޭނުންކޮށްފައިވަނީ 704 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތައެވެ. މިއަދަދުގެ 56.9 އިންސައްތަ ބޭނުންކޮށްފައިވަނީ އެއަހަރު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ މާލޭ, ވިލިމާލެ އަދި ހުޅުމާލެ ސިޓީގައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމުލަ 240 މެގަ ވޯޓް ކެޕޭސިޓީގެ ޖެނެރޭޓަރު ބެހެއްޓި ވޭތުވެދިޔަ އަހަރު ތެރޭގައި އިރުގެ އަލިން ހަކަތަ އުފަދާ މިންވަރު 11 މެގަވޯޓަށް ވަނީ އިތުރު ކުރެވިފައެވެ.

މި ފޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މަޢުލޫމާތުތަކާއި، ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ ތަފާސްހިސާބު ތަކެއް ހިމެނިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ކަރަންޓު އުފައްދައި ބޭނުންކުރެވުނު މިންވަރުގެ މަޢުލޫމާތުވެސް މި ފޮތުގައި ހިމެނިފައިވެއެވެ. ވޭތުވެދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މަޢުލޫމާތު ވެސް މިފޮތުގައި ހިމެނިފައިވެއެވެ.

މި ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.