އެއްވެސް ޗެކެއް އަދި ޕޭމެންޓެއް އަދީބާ ހަވާލު ނުކުރައްވާކަމަށާއި އަދި އެއްވެސް ގޮތަކަށް ޚިޔާނަތްތެރިވެފައި ނޯންނާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޯޑުގެ ނިންމެވުމާއި ޚިލާފަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އުސޫލުތަކާވެސް ޚިލާފަށް ބީއެމްއެލް އިން އެޗެކުތަކަށް އެހެން ކުންފުނިތަކެއްގެ މައްޗަށް ޖަމާކުރިކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެމްއެމްޕީއާރްސީގެ އެއްވެސް ޗެކެއް އަދި ޕޭމަންޓް އެއް ކުރީގެ ނައިބު ރައީސް އަދީބުއާ ޙަވާލުކޮށްފައެއް ނުވާނެއެވެ. އަދި، އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައެއްވެސް ނޯންނާނެއެވެ. ބާރުގަދަ ބައެއްގެ ނުފޫޒުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިންވަނީ އެމްއެމްޕީއާރްސީގެ ޗެކުތައް އެމްއެމްޕީއާރްސީގެ ބޯޑުގެ ނިންމުމާއި ބޭންކް އޮފް މޯލްޑިވްސް އިން ޢަމަލު ކުރަމުން އަންނަ އުސޫލްތަކާއި ޚިލާފަށް އެހެން ކުންފުނިތަކަށް ޖަމާކޮށްފައެވެ." ޒިޔަތުެ ބަޔާނުގައި ވިދާޅުވިއެވެ.

ރިސޯޓު ހެދުމަށްޓަކައި ރަށްތަކާ ފަޅުތައް ކުއްޔަށް ދިނުމަށް ކުރެވުނު އެންމެހާ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އެނގިވަޑައިގަންނަވާނެކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

މިއަދު ޒިޔަތު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ހިންގި މުއާމަލާތްތަކުގެ ތަފްސީލު އޭނާއާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަޙުމަދު އަދީބު. ބަރާބަރަށް ޔާމީނަށް އަރުވަމުން ދިޔަކަމުގައެވެ.

މީގެއިތުރުންވެސް، ޒިޔަތު މިއަދު ނެރުއްވާފައިވާ ބަޔާނުގައި އިތުރަށް ވިދާޅުވީ ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދިނުމަށް ނިންމެވީވެސް ރައީސް ޔާމީންކަމުގައެވެ. އަދި، ކޮންމެ ރަށަކާއި ފަޅެއްގެ ލީސް އެގްރީމަންޓް ފައިނަލް ކުރައްވަނީވެސް ރައީސް ޔާމީންކަމުގައި ޒިޔަތު ވިދާޅުވިއެވެ.

ބަޔާނުގައި ޒިޔަތު އިތުރަށް ވިދާޅުވެފައިވާ ގޮތުން، ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި ޙާދިސާއަށްފަހު ރައީސް ޔާމީނާއި އަދީބާ ޖެހުނު މައްސަލައިގެ ތެރެއިން، ޒިޔަތުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހާޟިރު ކުރައްވާފައެވެ. އެތަނަށް ހާޟިރު ކުރެއްވުމަށްފަހު ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ބަޔާނެއް ދެއްވުމަށް އެންގެވިކަމަށާއި އެހެންނަމަވެސް އެގޮތަށް އޭނާ ކަންތައް ނުކުރާކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރުކުރިކަމަށްވެސް ބުނެފައިވެއެވެ،

ހައްޔަރުކޮށްގެން، ފުލުހުންގެ ޑިޓެންޝަން ސެންޓަރު، ދޫނިދޫ ޖަލަށް ގެންގޮސް ދަންވަރުގެ ވަގުތުގައި ބޭރަށް ނެރެގެން ވަކިގޮތަލަށް ބަޔާން ދިނުމަށް މަޖުބޫރު ކުރުވިކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އެހެންނަމަވެސް، ފަހުން ޝަރީއަތުގެ މަރުހަލާގައި އެކަންކަމަށް އިންކާރު ކުރެއްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، މިއީ ސިޔާސީ މަޤުޞަދެއްގައި ކޮށްފައިވާ ނުޙައްޤު އަދަބެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރިން އެއްޗެއް ވިދާޅުނުވީ އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލެއްގެ ސަބަބުންކަމަށާއި އެހެންނަމަވެސް، މިހާރުގެ ސަރުކާރުން އިންސާފު ޤާއިމްކޮށްދެއްވާނެކަމުގެ ޔަޤީންކަން އޮތުމުންކަމަށެވެ.

ޖަލުގައި އޭނާއަށް ޞިއްޙީ އަދި ނަފްސާނީ ބިރުވެރިކަމާވެސް ކުރިމަތިވިކަމަށާއި މައްސަލައިގެ މައްޗަށް ފަސް އަޅާ ފޮރުވުމާލުމަށްވެސް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ޒިޔަތު ތުހުމަތު ކުރައްވާފައިވެއެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ޒިޔަތު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފަހުމީ

    ޢެހެވިއިރު އެސް އޯ އެފް ގެ އެކައުންޓަށް ޖަމާކުރުމަށް އަންގާ ޗެކްތަކުގެ އަނެއްފުށުގަ ސޮއިކުރީ ތިބޭފުޅާގެ ނަމުގަ ޖިންނިއެއްތޯ؟ ކޮސްނުގުވާތި.

  2. ހުސޭނުބޭ

    ތިވީގޮތުން ކަލޭއަކީވެސް ސިޔާސީ ހައްޔަރީއެއް! މިހާރު އިންސާފު އަންނާނެ ގަޔާދިމާލަށް!

  3. ނިޝް

    ބަލެ ކަލޭ ކުރިން ބުނެފައިވަނީ އަދީބާ ޙަވާލުކުރީމޭ! ކޮސް ނުގޮވާ!

  4. ޜާއްޖެ އިސްލާމް

    ރާއްޖޭގެ ޝަރުޢީދާއިރާ މިހާރު ހިނގަމުން ދަނީ ހިންދީ ފިލްމް ތަކުގަ ފެންނަ ފަދައިން. މަމައްސަލަވެސް މިހާރުގެ ސަރުކާރުން އަނބުރާލަން މަސައްކަތް ފަށާފަވާކަން ވަކި ކޮމިޝަނަކަށް ޤާނޫނީ ބާރުތަށް ދިނުމައް ކުރާ މަސައްކަތުން ޔަގީންވެއެވެ.

    ޝަރިއަތުގެ ވަކި ހިސާބަކުން ހެކިބަސް ދޭން ބަޖާޖު ކޯޓަށް ާޒިރުވާނެ.

    ވެރިކަން ބަދަލުޥީމަ ޖަލަށް ލާނީ މިހާރު ހެކިބަސްދޭ އެންމެނާ ޝަރިއަތް ހިންގުމައް އެއްބާރުކުން ދިން އެންމެން.

    ބާކީ ބައި ދެން އަންނަ އެޕިސޯޑުން ފެންނާނެ.

  5. ޟިހުން

    ޢެއް ސޮއި ކޮށްގެން ބޭންކަށް ޖަމާވާގޮތަކަށް ނޫން އޮތީ. ފަހުމީ ހަމަ ކޮމެންޓެއް ކުރިއަސް ނުވާނެ
    ފަހުން ނުވެ

  6. އަހްމަދު

    ހާސްނުވޭޒިއަތު ސިޔާސީދަޢުވާއެއްނު މާގިނަދުވަހެއްނުވެ ސަލާމަތްވާނެ

  7. ސާ ލެމަން

    ފީފީ ޔާނު ވަގު ޓީމް ކޮބާ

  8. Anonymous

    މިހާރުކޮންވާހަކައެއް ދައްކާކަށް ގަބޫލެއްނުކުރެވޭ. ކަލޭމެންބިރުގަންނަންވާނީ ހެއްދެވިފަރާތްދެކެ

  9. ދދދދ

    އެމްއެމްޕީއާރްސީ ލާރިގަނޑަށްފަހު އަނެއްކާވެސް ލާރިގަނޑެއް ލިބުނީތާ! މިފަހަރު ހަދިޔާ ދިނީ ކޮމިޝަނުންބާ؟

  10. ދޮގެއް؟

    ފިނިފެންމާ ލޯންޗް ގޮއްވާލީ ކާކުކަން އެނގޭތަ ވަގުކަލޭގެއަށް؟ އެއީ ވައްކަމުގެ އިސް ބައިވެރިޔާ ކަލޭގެ ޕިޔާރީ ޕިޔާރީ އަދީބުކަން ތަހްގީގުން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް އުމަރު ވިދާޅުވީ. އުމަރު ނަހަދާނެ ދޮގެއް. ކަލޭ ކޮންމެ އެއްޗެއް ކިޔަސް އަދީބު މާތް މޯހަކަށް.ވާނެ ގޮތެއް ނެތް. ކަލޭމެން ދެމީހުން ތީ ބޮޑު ދެ ވަގުން. ވައްކަމުގެ އެންމެ ފުންމިނަށް ކަލޭ ހަމަ ރަނގަޅަށް ބައިވެރި ވެފައިވާކަންވެސް މިހާރު ދެން ހަމަ ކަށަވަރު.

  11. ފާއިޒް

    ކަލޭ ކޮސް ނުގޮވާ ހަމަ ލާރިގަނޑު އަދީބާ ދެމީހުން ބަނޑުއަޅާލީ ދެން ކޮން ވާހަކަ އެއް...

  12. ނުރަބޯ

    ލައްބަ ލައްބަ ޒިޔަތުގެ ކުށެއްނެތް. އަދީބުގެވެސް ކުށެއްނެތް. އެސްއޯއެފް ގެ ޢައްލާމްގެ ވެސް ކުށެއްނެތް. ހަމަ ސާފު ހުދު ފޮށާ.

  13. ނާނު

    ހުސްހުދުކާފޫރު ދެން ދެނަހުރި ކަމަކަށްވެސް ނުވާނެ ކުރިކަމަކަށްވެސް ނުވާނެ ތިތިބީ ދޫކޮއްލާފައެއްނު ދެން ހަދައިގެންވެސް ދައްކާވާހަކަ ހިންނަވަރު މީހާ ގަބޫލުކުރާނެ.