ގދ. ގައްދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.

ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް، ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ އުމުރުން 80 އަހަރުގެ ފިރިހެނެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާ ހިނގީ އެމީހާ މަޣްރިބް ނަމާދަށް މިސްކިތަށް ދިއުމަށް ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އޭނާގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާ އާއި ގުޅޭގޮތުން "ވަގުތު"އަށް މަޢުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ، މި އެކްސިޑެންޓު ހިނގީ އެމީހާ މަގު ހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގޮސް އޭނާގެ ގައިގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލުގައި އެވަގުތު ދެ ޒުވާނަކު ތިބިއިރު، އެ ދެމީހުންނަށްވެސް އަނިޔާވެގެން ދަނީ ފަރުވާދެމުންނެވެ.

"ސައިކަލް ދުއްވަން އިނީ ދެ ޒުވާން ކުރިން. ދެކުދިންނަށް ވެސް އަނިޔާވި. ބޮޑަށް އަނިޔާވެފައި ވަނީ ދުވަސްވީ މީހާއަށް. އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި،" ރައްޔާން ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 17:40 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން އުމުރުން 20 އަހަރުގެ ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން 19 އަހަރުގެ ފިރިހެނަކަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނައުބެ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.. މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި... އާމީން

  2. ހުތުބާ

    ތިކަން ތިނިމުނީ މަރުވިމީހާގެ އާއިލާޔަށް ހިތާމަޔާ ހިތްދަތިކަން ކުުއްވެރިވާނީ މުސްކުޅި ނުހިގޭ މީހާ އޭނާޔަށް އެވަނީ މަގުހުރަސް ކުރަން އުޅުނީމަ މަރުގެ އަދަބު ދީފަ މައްސަލަ ނިމުނީ

  3. ދުރުތާ ތިމާގެ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  4. Anonymous

    އުމުރުން ދުވަސްވީ މީހާ ހިގާފަ ދިޔައީ މަގުގެ އެއްފަރާތުން. ވެދާނެ ރައްޔާން ކަމަށް މަގު ހުރަސް ކުރަން އުޅުނީ .ދޮގު ވާހަކަ ދެއްކިޔަސް ތިއީ ބޮޑު ވަރެއް ރައްޔާން .އިސްތިއުފާދީފަ ގޭގަ މަޑުކޮއްލާ!!!!