ދިވެހިރާއްޖެ އާއި ޔޫއޭއީއާ ދެމެދު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ދެ ޤައުމު ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއް ގައި ސޮއިކުރައްވައިފިއެވެ.

އަބޫދާބީގައި ހުންނަ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ.ހުސައިން ރަޝީދު ހަސަން އެވެ. އަދި ޔޫއޭއީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް، ޑރ.ޡާނީ އަލް ޒަޔޫދީއެވެ.

މިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ދެ ޤައުމު ދެމެދު އިއާދަކުރުނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ. އަދި މި އެމްއޯޔޫ އަކީ ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ގުޅުމަށް ލިބުނު އިތުރު ފުރިހަމަކަމެއްގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރުގެ އެއް އަމާޒުކަމުގައިވާ ދެމެހެއްޓެނިވި ކުރިމަގަކަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަން ފާހަގަކޮށްލެވެއެވެ.

މި އެއްބސްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިވަގުތު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ.ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.