މިއަންނަ މަޖިލިސް އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ހަފްތާ ބަންދުގައިވެސް ފޯމު ބަލައިގަތުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުން ދަށު ކޯޓުތަކުން ސާފު ކުރަން ޖެހޭ ރިކޯޑް ސާފު ކުރުމަށް އެދި ހުށަހަޅާ ފޯމްތައް ކުރިޔަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ޑީޖޭއިން އިތުރަށް ވިދާޅުވީ މާދަމާ މެންދުރު 14:30 އިން 18:00 އަށް އަދި ހޮނިހިރު ދުވަހުގެ 11:00 އިން 18:00 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.މީގެ އިތުރުން ހުށަހަޅާ ފޯމުތައް އާދިއްތަ ދުވަހު ޑީޖޭއޭގެ ރިސެޕްޝަނުން ބަލައިގަންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

ރައޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 21ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. މިފަހަރުގެ އިންތިހާބުގައި 87 ދާއިރާ އަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހު 4 ގައެވެ.