ލ.އިސްދޫ ކައުންސިލްގެ ތިން މެމްބަރަކު ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ތިން މެމްބަރުން ސަސްޕެންޑް ކުރީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން އިސްދޫ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ އާއި ގުޅިގެންނެވެ.

އެލްޖީއޭ އިން ވިދާޅުވީ އިސްދޫ ކައުންސިލުގެ އެ އަމަލަކީ އެ އޮތޯރިޓީ އިން ފާސްކޮށްފައިވާ ކައުންސިލުން ކުރާ ގާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާއި ހިލާފު އަމަލެއް ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން ވަނީ އެ ނޫސްބަޔާނުގައި ސޮއިކޮށްފައިވާ އިސްދޫ ކައުންސިލްގެ ތިން މެމްބަރުން މާދަމާ އިން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑު ކުރަން ނިންމާފައެވެ.

އަދި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ލ.އަތޮޅު ކައުންސިލާއި، ލ.އިސްދޫ ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނާނީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާއި އެވަގުތަކު ހަވާލުވެ ހުރި ފަރާތަކުން ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ.

އެލްޖީއޭގެ ބަޔާނުގައި ވަނީ މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ އިސްދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދުވާފަރު މީހާ

    ހުރިހާ ކައުންސިލެއް އުވާލާފަވެސް ވެރިކަން ދަމަހައްޓާތި

  2. ޕޮގުބާ

    ސަތުކާރު ވައްޓާ ނުލެވުނީމަ ލިބޭބޮނޑި

  3. މިނިކާ

    ސަސްބެންޑު ކުރިއަސް ނުކުރި އަސް އިސްދޫގެ މެޖޯރޓީ އެއްވެސް ތާއީދެއް ވެސް މިސަރުކާރަކައް ނުލިބޭނެ

  4. އާ

    މަތީ ފަރާތުން ގެންދަވަންވީމަ ކިތަންމެ ބާރަށް ބަގުޑި ބައްދައިގެން އޮތަސް ގެންދަވާނެ. މިއަދު ތިެންވެސް ހެދިދާނެ،. ފަހުން ނަގާ ރާޅުގަނޑު ބޮޑުވާނެ. ތިމާއަށް ބާރެއް ލިބިފައި އޮތީމައި ހިތުހުރި ގޮތަކަށް ކަންތައްކުރަމުންގޮސް ދެދުނިޔޭގެ އަބާއްޖަވެރިކަން ލިބުނީމައި ހިތާމަ ކުރިޔަސް ދެނެއް ބަދަލެއް ނުކުރެވޭނެ. ވެރިކަމަކީ ހާދަ އެހެންކަހަލަ އެއްޗޭކޭ.

  5. ނަޢީމާ

    ތާއީދު ލިބުމާ ނުލިބުން އެއީ މި ސަރުކާރަށް މައްސަލައެއްނޫން! އެކަން އެގޭނެ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް ބަލާލީމާ! ތާއީދު އޮތްތޯ ނެތްތޯ ނުބަލައި އެދަނީ ރާސްލާފަ އެތަންތަން ތަރައްޤީކުރަމުން. މައްސަލައަކީ އުޞޫލުތަކާ ޚިލަފްވުން!