ރޭ މެންދަމު އައްޑޫ ސިޓީ ހިތަދޫ ދެގެއެއްގައި އަލިފާން ރޯކޮށްލިއިރު އޭގެތެރެއިން އެއް ގޭގައި އަންހެނަކު ނިދާފައި އޮތް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ އަލިފާން ރޯކޮށްލާފައި ވަނީ ހިތަދޫ ދޮންލަފަރު ގެއާއި ހިތަދޫ ވައިޓް ހީރާ ގޭގައެވެ. އަލިފާން ރޯކޮށްލިއިރު އަންހެން މީހާ ނިދާފައި އޮތީ ދޮންލަފަރު ގޭގައެވެ.

ހިތަދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އަންހެން މީހާ އަށް ހޭލެވުނު އިރު ގޭގައި އޮތީ އަލިފާން ރޯވެފައެވެ. އޭރު ކޮޓަރީގެ ދޮރު ކައިރީގައި ވެސް އަލިފާން ރޯވެފައި ހުރުމުން އޭނާ އަށް ކޮޓަރިން ނިކުމެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން އޭނާ ވަނީ ކޮޓަރީގެ ފާހާނާ އަށެވެ.

އަލިފާން ރޯކޮށްލި ގެއަށް ލިބިފައިވާ ބައެއް ގެއްލުންތައް
އަލިފާން ރޯކޮށްލި ގެއަށް ލިބިފައިވާ ބައެއް ގެއްލުންތައް

"އޭނާ ގޭތެރޭގައި ވެއްޖެ ކަން އެނގުނީމާ ބަޔަކު ކުޑަދޮރުން ކޮޓަރިއަށް ވަދެ ފާހާނާ އިން އޭނާ ނެރުނީ. އޭރު އޭނާގެ ހެދުމުގައި ހުރީ ކޮންމެވެސް ވަރަކަށް އަލިފާން ރޯވެފައި. ހޭވެސް ނެތިފައި އޮތީ. ނަމަވެސް ނަސީބު ރަނގަޅު ކަމުން އޭނާ އަކަށް އިތުރު އަނިޔާއެއް ނުވޭ." މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ އަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައެވެ.

ދޮންލަފަރުގޭގައި އަލިފާން ރޯކޮށްލާފައި ވަނީ 01:30 ހާއިރުއެވެ. އަލިފާން ނިއްވާލެވުނީ 3:10 ހާއިރުއެވެ. އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

އައްޑޫ ސިޓީގައި ފަހަކަށް އައިސް ގެތަކުގައި ރޯކޮށް އަންދާލުމުގެ ގިނަ ހާދިސާތައް ހިނގަމުން އަންނައިރު، ދާދި ފަހުންވެސް ހިތަދޫ ދެކުނު ދާއިރާގެ ގެއެއްގައި ރޯކޮށްލުމުން އެގެއަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. މީގެ އިތުރުން ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ވެސް ރޯކޮށްލުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަޒް

    ފުލުހުންގެ އަތެއް ވާނެ ތި ކަމުގައި

  2. ވަހީދު

    ދުނިޔޭގެ ވަރަށް ގިނަ ޤާނޫނުތަކުގައި ގަސްދުގައި ތަންތަނުގައި އަލިފާން ރޯކުރުމަކީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމަނާފައި އޮންނަ ކަމެއް، މިޞްރުގެ ޤާނޫނުގައި އެގޮތަށް ރޯކުރާ ތަނެއް އަނދައިގެން ގޮސް މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ އެ ރޯކުރި މީހާއަށް މަރުގެ އަދަބު ދެވޭ.

  3. ނާނި

    މިހާރުވެސް ރޫހާނީ ލީޑަރު އެގޮވާލަނީ މިމަހުގެ 16ވަނަދުވަހު އަލިފާންރޯކުރަން.

    • އެންމެން

      ތީހަމަ ވަރުގަދަ ރޫޙާނީ ލީޑަރެއް. ޝައިތާނު މިގައުމަށް އެރުން މަނާކުރަން ޖެހޭ.

  4. ޙުސެން

    ޢެކަމް މިނުވާނެ ނިރުބަވެރި ހަމަލާއަކަށް.