ޓްރެފިކްގެ ގާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ބައެއް މަގުތަކުގައި ހެލްމެޓް އަޅަން މަޖުބޫރު ކޮށްފިއެވެ. ހެލްމެޓް އަޅަން މިދިޔަ މަހު 10 ވަނަ ދުވަހުން ފެށިގެންވެސް ހެލްމެޓް އަޅަން މަޖުބޫރު ކުރި ނަމަވެސް، ގާނޫނާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅަނީ މިރޭ 12:00އިން ފެށިގެންނެވެ.

ހެލްމެޓް އަޅަން ޖެހެނީ ކޮންތަންތަނެއްގައި

އައްޑޫ ސިޓީ މީދޫ – ފޮޓޯ: 2000 އައިލެންޑްސް

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓު އެޅުމުގެ ގަވާއިދު އާއްމުކޮށްފައެވެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

މި ޤަވާއިދާއެކު ބްރިޖްގެ އިތުރުން ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

ހެލްމެޓްގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކަކީ ކޮބާ

އިންޖީންލީ އެއްގަމު ދުއްވަން ޖެހޭ ޤަވައިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި އޭ-01 އާއި އޭ-0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު ދުއްވާއިރު ބޭނުންކުރުމަށް ޚާއްޞަކޮށްފައިވާ އަދި ބޭނުންކުރާ ފަރާތުގެ ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ހެލްމެޓް ވާން ޖެހޭނެއެވެ.

އޭގެ އިތުރުން ހެލްމެޓް ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް އެކަމަށް ޚާއްޞަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވެސް ހެލްމެޓް ވާން ޖެހޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅު ގަމަށް ކުރެއްވި ދަތުރުފުޅުގައި ލާމު ލިންކް ރޯޑް ވަނީ އިފްތިތާހްކޮށްދެއްވާފައި - ފޮޓޯ: ރައީސް އޮފީސް

ހެލްމެޓް ހަރުކުރުމަށް ދަތްދޮޅި ދަށުން ލައިފައިވާ ކަމަރަކީ އެކަތިގަނޑަކަށް (ސިންގަލް ޔުނިޓަކަށް) ހުންނަ ކަމަރަކަށް ވުމާއެކު، އެ ހެލްމެޓުގައި އަދި އެ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ނުވަތަ އެހެންވެސް އެއްޗެއް ހަރުކޮށްފައި ނެތުމަކީ ވެސް ހެލްމެޓްގައި ހުންނަން ޖެހޭ ޝަރުތެކެވެ.

ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުމާއެކު، ހެލްމެޓު ގައި ހަރުކޮށްފައި ހުންނަ ސްކްރީނަކީ މޫނު ފެންނަފަދަ މެޓީރިއަލެއް ހުރި ހެލްމެޓަކަށް ވާން ޖެހޭނެއެވެ. އަދި ހެލްމެޓުގެ ކުލައަކީ، އެ ހެލްމެޓެއްގައި ލައިފައިވާ މައިގަނޑު ކުލައިގެ 90 އިންސައްތަ ހުރި އަދި ލޮލަށް އުނދަގޫ ނުވާނެ ފަދަ ކުލައަކަށް ވާން ޖެހޭނެއެވެ.

ހެލްމެޓުގައި ލައިފައިވާ ކުލަނޫން ކުލައެއް ނުވަތަ ސޯލްވެންޓެއް ހެލްމެޓު ގައި ލައިފައި ނުވުމާއި ހެެލްމެޓު އެޅުމުގެ ސަބަބުން، ހެލްމެޓް ބޭނުންކުރާ ފަރާތަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭގޮތަށް ނުވަތަ އޮޅޭގޮތަށް ހެލްމެޓް އަޅައިފައި ވާ ފަރާތުގެ މޫނު ނުވަތަ މޫނުގެ ބައެއް ނުފޮރުވޭ ހެލްމެޓެއް ކަމުގައި ވުމަކީ ވެސް ޝަރުތެކެވެ.

ދިވެހިރާއްޖޭގައި ބޭނުންކުރާ ހެލްމެޓް އެޅުމުގައި ޤަބޫލުކުރެވޭނެ މިންގަނޑުތަކެއް ވެސް ޤަވައިދުގައި ވަނީ ހިމަނާފައެވެ. އެއީ ޔޫރަޕިއަން ސްޓޭންޑަޑް، ސިންގަޕޫރު ސްޓޭންޑަޑް، ސްރީލަންކަން ސްޓޭންޑަޑް، އިންޑިއަން ސްޓޭންޑަޑް، ތައި ސްޓޭންޑަޑ، ޗައިނީޒް ސްޓޭންޑަޑް، ބްރިޓިޝް ސްޓޭންޑަޑް، ޔޫ.އެސް އާއި ކެނެޑާ ސްޓޭންޑަޑް، އޮސްޓްރޭލިއާ އާއި ނިއުޒީލަންޑް ސްޓޭންޑަޑް، ޔޫ.އެސް ސްޓޭންޑަޑް އެވެ.