އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން އަމަލު ކުރަމުންދާގޮތާއި ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބާ ތަންތަނުގެ ހާލަތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއަހާފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި ހާއްޞަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ވަފްދަކާއި ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންބޮޑުވުންތައް ނޯޓު ކުރައްވާފައިވާކަމަށެވެ. އަދި އެ ކަންބޮޑުވުންތަކުގެ އަޑުއަހައި އެކަންކަން ބައްލަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެކަންބޮޑުވުންތަކާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކުން އެކަންކަން ވެރިފައި ކުރާނެކަމަށް ވާނީ ދަންނަވާފައި" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކާއެކު ހޯމް މިނިސްޓަރ އަޒްލީންގެ އަރިހަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮނެއިޒާ އާދަމް އާއި މާލޭގެ މޭޔަރ ޝިފާ އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ޢަލި މަނިކު އަދި އަމުރުގެ އިތުރުން ސޮބްރާ ނޫރައްދީންނެވެ.

މިބައްދަލުވުމަށްފަހު މީޑިޔާ އާއި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ހުރި ކަންބޮޑުވުންތައް ހޯމް މިނިސްޓަރާއި ހިއްސާކުރައްވާފައިވާކަމަށެވެ.

"ޖަލުގައި ބޯން ދޭ ފެނާއި ބޭސްފަރުވާގެ ކަންކަމާއި، ޑޮކްޓަރު ދޭ ބޭސް އެތައް އިރެއް ވެގެން ދާއިރު ވެސް ހަވާލުނުކުރުމާއި މުޒާހަރާ ތެރޭގައި ފުލުހުން ރައްޔިތުންނާ މެދު އަމަލުކުރާ ގޮތުގެ ކަންބޮޑުވުންތައް ވާނީ ހިއްސާކޮށްފައި. މިނިސްޓަރު އެ މައްސަލަތައް ނޯޓުކުރެއްވައި ވިދާޅުވި އެ ކަންކަމަށް ވަރަށް އަވަހަށް އެޓެންޑްކުރާނެ ކަމަށް،" ރޮޒެއިނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރެއްވުމާއި ގުޅިގެން އެކަންކަން ބައްލަވާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިމިވަނީ، މާލޭގެ އަމާންކަން ނަގާލަން ކޮންމެ ރެއަކުހެން ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންގެ ދައުރަށް ހުރަސައަޅާ ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ދައުލަތް ހިންގުމަށް ދަތިކޮށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ ބައެއް ވެރިންގެ އިތުރުން ބައެއް ސިޔާސީ ފަރާތްތަށް ފުލުހުންގެ ބަންދުގައި ތިބި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިސްއިޒްއިޓް

    ރައްޔިތުންގެ މަޖްލީހުގެ އިމްތިޔާޒު ތަކާއި ބެހޭ ގަވާއިދަކީ އެއީ ގާނޫނެއް ނޫނެވެ. އެއީ އެމެން އަމިއްލަ އަށް ހެދި ގަވާއިދެކެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަ ހަމަ ވާން ޖެހޭނެއެވެ. ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ނަމަ އެމެން ނުޖެހޭނެ މަޖްލީހުގެ ޖަލްސާ އަށް ހާޒިރު ކުރަން ބިކޮޒް އާންމު މީހާ ވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވިއްޖެނަމަ ނުޖެހޭ އޭނާ ވަޒީފާ އަދާ ކުރާ ތަނަށް ވަޒީފާ އަށް ނިކުންނާން. އެހެން ކަަމަށްވާނަަމަ އެއުސޫލު އޮންނަން ޖެހޭނީ މަޖްލީހުގެ މެމްބަރުންނަށް ވެސް. މަޖްލީހުގެ މެމްބަރުންގެ އިމްތިޔާޒު ތަކާއި ބެހޭ ގަވާއިދަކީ އެއީ އެމެން އަމިއްލަ އަށް ކޮންފްލިކްޓް އޮފް އިންޓަރެސްޓް ހުންނާނެ އުސޫލުން ހަދާފައިވާ ގަވާއިދަކަށް ވާތީވެ އެގަވާއިދު ޖެހޭނީ ސްޕްރީމް ކޯޓުގެ ހުކުމް އަކުން ބާތިލް ކޮށްލަން ސަަރުކާރުން. އެއްވެސް ގަވާއިދެއް ނެހެދޭނެ ގާނޫނު ތަކަަށް ވުރެން ބާރު ގަދަ ކޮށް. ދިސް އިޒް އިޓް.