ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބު ދެ މެންބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާށާއި މެންބަރުކަން ކުރުމުން ލިބޭ އިނާޔަތް 55 އަހަރު ވުމުން ލިބޭ ގޮތައް އޮންނަ އޮތުން މެންބަރު ކަމުން ވަކިވާ ދުވަހުން ފެށިގެން ލިބޭ ގޮތް ހަދާށެވެ.

ޤާނޫނުގެ 8 ވަނަ މާއްދާގެ (ޅ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝްއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ. މެންބަރުކަން ކޮށްފައިވާ މީހަކު ބޭނުން ނަމަ މި ހެލްތު އިންޝްއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ އުފަން ކުދިން ބައިވެރި ކުރެވިދާނެ ކަމަށައި މިގޮތައް ބައިވެރި ކުރާ ފަރާތައް ދައްކަން ޖެހޭ އިންޝްއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ވެސް އެމާއްދާގައި ބުނެފައިވެއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ.

އަދި މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން ލަތީފް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ޕާސްޕޯޓް ހެދުމުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ އެމީހަކު އަމިއްލަ އަށް ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މަޖިލިސް މެމްބަރުކަން އެއް ދައުރުކޮށްފައިވާ ފަރާތްތަކަށް މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 އިންސައްތަ ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މެމްބަރުކަން ކުރި ކޮންމެ މީހަކަށް މަހަކު 25500 ރުފިޔާ އެވެ. އަދި މަޖިލީހުގެ މެމްބަރުކަން ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އެމީހަކު މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 45 އިންސައްތަ ދިނުން ޤާނޫނު ލާޒިމް ކުރެއެވެ. އެއީ މަހަކު 38250 ރުފިޔާ އެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން އެފައިސާ މެމްބަރަކު މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ.

މަޖިލިސް ޖަލްސާތައް ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާ ތެރޭގައި މިބިލްތައް ފާސް ނުކުރެވިއްޖެނަމަ އިނާޔަތްތައް ލިބުމުގެ ފުރުސަތު މެންބަރުންނަށް ބަންދު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޝަމީމް

    ކިހާބޮޑު ބަލާއެތް ރައްޔިތުން ޓެކުސް ދައްކާ ފައިސާ ވިއްޔާ މިބަޑު އަޅަނީ އަމިއްލަޔައް އިމްތިޔާޒް ޤާނޫނޯކިޔާފަ އެތް ޗެއް ފާސް ކޮއްގެން ރައްޔިތުން ހަނު ނުތިބެ މިޤާާނޫނާއި ދެކޮޅައް ތެދުވުމައް ގޮވާލަން އެމްޕީގެ ދައުރު ނިމުމުން އެނިމުނީ އުމުރައް ދައުލަތުން ތިމާއި ތިމާގެ އަބިދަރިން ޚަރަދު ކުރާކައް ނުޖެހޭ ?

  2. ޤައުމު

    މީކޮންކަހަލަ ބައެއްތަ؟ ތިބޭކަލުންގެ އަނބިދަރީން އެކަނިތޯ ތިއްބަވަނީ؟؟؟ ތިތިއްބަވަނީ މާމަތީގަ! އަމިއްލަ ހރުނުދާ ގޮތުގަ ދައުލަތުގެ މާލިއްޔަތް މިލްކުކުރައްވަން ނޫނީ ތަންކޮޅެއް ހުތުރުކޮށްނަމަ “ބަނޑުއަޅާލަން” ނޫޅުއްވާ!

  3. މަނަ

    ރައްޔިތުންގެ މާލިއްޔަތުން ހަރަދު ކުރަން މީ ދެން ކޮންބައެއް. ހައިސިއްޔަތު .

  4. ރައްޔިތުން

    ނުކުރާ މަސައްކަތަކަށް އިނާޔަތް ދޭކައްނުޖެހެ. ފަސް އަހަރުގެ ދައުރުގާ ކުރިމަސައްކަތައް ދޭންޖެހޭ އެއްޗެއް ދީފި އިތުރައް ރައްޔިތުން ފެލަން ނޫޅުއްވާ.

  5. އަފީފާ

    ފެއިލްވި މެންބަރުންނަށް، މިހާރުވެސް މެންބަރުންނަށް ލިބޭ ހުރިހާ އެއްޗެއް ދޭންފެނޭ.

  6. ނަސީރު

    ސިވިލްސަރވިސްގެ އާދައިގެ މަގާމެއްގައި އުޅެ 65 ވެގެން ވަކިވާއިރު ލިބޭ އެތިކޮޅުމަދު މުޅި އުމުރުދުވަހު ޖަލުގަ ހޭދަކުރާ މީހަކަށްވުރެ. މި މީހުންނަށް ބޭނުންވަރަކަށް ދީފަ ބަހައްޓާ.

  7. ޖުހާ

    ނޫނޭ ލަދު ހަޔާތް ކުޑަ ބައެއް ދޯ މީ

  8. ޖަމީލު

    ސާބަހޭ. ދެން ނެތްތަ ދޭނެ އެއްޗެއް؟ ދައުލަތުގެ ހަޒާނާއިން ޕަސަންޓަކާ، އެމެރިކާއިން ގަނޑުވަރަކާ، ޖެޓަކާ، ރޮލެކްސްގަޑިއަކާ، ކޮހީނޫރު އަނގޮޓިއަކާ، ބަރުމާޕީސް މުންޑަކާ، އަލްޕަކާ ކަނޑިއްކަކާ ވެސް ދޭން ފެނޭ.

  9. ޥޭނީ

    ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެއ

  10. ބުރޯ

    ހަނދާނެް ނައްތާލެވިފައިވާ ސަރުކާރު ވަޒިފާގަ 20 އަހަރާ 40 އަހރު ހިދުމަތް ކުރުމުން ލިބޭ ފެންސަން 100 ރުފަިޔާ ވަރު ލިބޭ އެތައްބަޔަކު މިހާރުވެސް އެބަތިބި އެއްވެސް ކަމެއްނުކޮށް ގޭގަ ތިބެގެން 65 އަހަރު ވިމީހުނަށް 5000 ލިބެ އިރު މިއި ކިހާ ބޮޑު ބޭ އިންސާފެއް. ވަޒީފާއަދާކުރާ މުވައްޒަފުން ވަޒީފާ އަދާމިކުރަނީ ވަޒީފާ އަދާނުކުރާ މީހުން ވެސް ކުރާ ހުރިހާ މަސައްކަތެއްކުރުމަށްފަހު އޭގެ އިތުރުން ދަވްލަތަށް ދެވެ ހިދުމަތެއްގެގެޮތުގާ . ވުމާއެކު ގާނޫނުއަސާސިގަވެސް ވޭ ދަވްލަތަށް 20 އަހަރުހިދުމަތް ކޮށްފިނަމަ ގާނޫނުގައިވަގޮތުގެ މަތީން ފެންސަންދޭންވާނެކަމަށް. 100 ރުފިޔާއިންދަށުން ޕެންސަން ލިބުނު ހުރިހަފަރާތްތަކަށް100 ރުފިޔާގެ ޕެންސަނަކަށް މައުމޫނު ކަނޑައެޅުއްވި އޭގެ ފަހުން މުސާރަތަކާ އިނާޔަތް އަތް ނުފޯރާ ހިސާބަށް ބޮޑުވި އިރު ޕެންސަނު މީހާ އަށް ލިބެނީ 100 ރުފިޔާ މިއީވެސް އިންސާފުތަ ؟ދަވްލަތަށް 20 އަހަރުގެ ހިދުމަތާއެކު ރިޓަޔަރ ކުރުމަށްފަހު ނަޒާހަތްތެރި އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރުގެ އަދަދެއް ޕެންސަނުގެ ގޮތުގާ ލިބޭނަމަ ޕްރަިވެޓް ޖޮބަކަށް ނުވަތަ ސަރުކާރުގެ ވަޒީފަ އެއްގާ ނޫޅެ އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބޭނެ .އަދިސަރުކާރުގެ ވަޒިފާ ވެސް އެހެން ފަރާތްތަކަށް ދޭން ބޭނުންވާ ހުސްމަގާމްވެސް ހުސްވެގެންދާނެ. މިއީ ވިސްނަންޖެހޭ މައްސަލައެއްކަމަށް ދެކެން.

  11. ޝާން

    އަޅުގަނޑު މިހާރު ބަލަން މިހުންނަނީ ރައީސް ސޯލިހުގެ އިހުލާސްތެރިކަން ހުރިވަރެއް. ތިމާ އާއި އެކު މަޖިލީހުގަ މަސައްކަތް ކުރި މީހުންނަށްވީތީ އެމީހުންބޭނުންވާ ގޮތަށް ރައްޔަތުން ދައްކާޓެކްސް ފައިސާއިން އެމީހުންނަށް ހަރަދުކުރުމަށް ދައުލަތަށް ބުރަވާގޮތަށް މި ބިލާއި ނައިބު ރައީސުންނަށް ދޭން ހުށަހެޅި އިނާޔަތުގެ ބިލް ތަސްދީގު ކުރަނީތޯ ނުވަތަ އަނބުރާ މަޖިލީހަށް ފޮނުވަލަނީތޯ ބަލަން މިހުންނަނީ.

  12. ފެންނަގޮތް

    ޑިޕްލޮމެޓިކް ޕާސްޕޯރޓް ލައިގެން ހަލާބަލަ

  13. އަލީ

    5 އަހަރުގެ ދައުރު ހަމަވި އިރު ދާއިރާއަށް ކަމެއްކޮށްދީފައިވާ މީހެއް ތިތަނުން ހޯދަންޖެހޭނީ އަތްފުނާ އަޅަން.
    މިހާރު މި އިސްލާހުކުރަން ހުށައަޅަނީ އަމިއްލަ ޖީބަށް ފައިދާވާނެ ކަންތައްތައް...

    ވަރަށް ރަނގަޅު!!

  14. ރަމީޒު

    އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެ.ކަންކަން ރަނގަަޅު ކުރަންށޭ ކިޔާފައި އަހަރުމެން އަތުން ވޯޓް ހޯދައިގެން ނުތިބޭތި.މިތިބީ ބަލަން.އެމީހުން މަޖިލިހުގަތިބިއިރު ހުންނާނީ ގައުމާއި ނުބައްދަލު މުސާރަޔާއި އިނާޔަތް ދީފައި.ނިމުނީމަ ނިމުނީ.އެމީހުންނަށް އިނާޔަތްދެންޏާ ސިވިލްސާވިސްގެ މުވައްޒަފުންވެސް ވަޒީފާއިން ވަކިވީމަ ޖެހޭނެ އިނާޔަތް ދޭން.މަޖިލިސް މެމްބަރުންގެ ކަންތައް މާމައްޗަށް މިދަނީ.ކޮންމެވެސް އެހެންގޮތަކުން ރުފިޔާ ހޯދާ.ލަނޑާ ވިއްކައިގެން ނަމަވެސް.ޔައުގޫބު މިކަމާ ވިސްނާތި އިނގޭ.މަޖިލިހުގަ ބޭނުންހާ އެއްޗެއް ހެދިޔަނުދޭތި.

  15. ބަރުގޮނު

    އަމިއްލަ އެދުން ބޮޑުކަންނޫން އެއްވެސް ކަމެއް މި ބިލްތަކަކުން ހާމައެއްނުވޭ. ބައި ޤަރުނު ވަންދެން ސަރުކާރަށް ޚިދުމަތް ކުރެއްވި ބޭބޭފުޅުންނަށް ޢުމުރުން 65 އަހަރު ހަމަވުމާއެކު -/5000ރ. ލިބެނިއްޔޭ ކިޔާފައި ކުރިން ލިބިލިބި ހުރި ޕެންޝަން ގެ ކުޑަ ފައިސާކޮޅު ވަނީ ކަޑާލާފައި. -/5000ރ ގެ އިތުރަށް އެ ފައިސާކޮޅު ދޭންވެސް ދަހިވެތިވެވިފައި. މެމްބަރުން ގެ ތެރޭ ޖަލްސާތަކަށް ވަރަށް މަދުން ޙާޒިރުވާ މުއްސަދިން ހިމެނޭ. މިމީހުންވެސް ވީ ލާރިބޮޑިއަކާ ޚާއްޞަ ޕާސްޕޯޓަކާ އިތުރު ޢިނާޔަތްތައް ދީފައި ބައިތިއްބަން. ޢާންމުންވީ ސަލާމްޖަހާ ޙާލުގައި ނުމިޔިނުދިރި ގަނަތެޅެން.

  16. އަސީ

    ފުރަތަމަކަމަކައް މެންބަރުންނާއި އެމީހުންގެ އާއިލާމީހުމްގެ އެކައުންޓްތަކާ އެމީހުންހުޅުމާލެ އާއި މާލެއިން ގަނެފަހުރިގޯތިޔައް ހޯދިގޮތެއްވެސްބުނެދޭންޖެހޭ

  17. އިއްސެ

    ކުރީގެ މެންބަރުންނޭ ވިދާޅުވާއިރު ހަގީގީ ކުރީގެ މެންބަރުންނަށް ތީގެން ބައިރުފިޔާވެސް ނުލިބޭގޮތަށް އޮތް ގާނޫނެއްކަން އިގެނީ ކިތަށް ބޭފުޅުންނަށްބާ؟ އިމްތިޔާޒު ގާނޫނުގެ މާނަކުރުމުގައި ކުރީގެ މެންބަރުންގެ ގޮތުގަ މިބަލަނީ 2013 ގެ މާޗުމަހަށް ފަހު ވަކިވާ މެންބަރުން އެކަނި. އޭގެ ކުރިން ވަކިވި އެކަކަކީވެސް ކުރީގެ މެންބަރުންނެއް ނޫން އޭގަވާގޮތުން. އެހެންވެ އެންމެ ރަގަޅުވާނީ ކުރީގެ މެންބަރުންނޭ ނުކިޔާ 2013 އިންފެށިގެން ވަކިވާ މެންބަރުންނޭ ކިއީމަ. އޭރުން ކަމުގެ ހަގީގަތާ އެއްގޮތްވާނި.

  18. ނަރަކަ

    ފެއިލްވީމަ ވެސް މި މީހުން ދައްކާ ވާހަކަ އަޑުއަހަންޖެހޭތަ؟ ނަމަނަމަ ރައީސް ތިޔަކަހަލަ އެއްވެސް ބިލެއް ތަސްދީޤް ނުކުރާތި. ހެޔޮއެދިގެން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކެރެންޏާ މަޖިލީހަށާއި ފަނޑިޔާރުކަމށާއި އަނެއްކަމަކަށް ކުރިމަތިނުލާބަލަ. މިތަންތަނަށް ހޮވެން މިބޭނުންވަނީ އަމިއްލަ ބޮނޑި ބޮޑުކުރަންކަމަށްވަންޏާ ރައްޔިތުންގެ ވޯޓެއް ނުވަތަ ވަޒީފާގައި ތިބޭއިރު ބޮޑުމުސާރައެއް ދޭނެކަމެއް ނެތް. ކަމެއްކުރަންކެރެންޏާ ރައްޔިތުންގެ މަޖިލީހަށް ދަށްވެގެން ސަރީއަތާއި ގާނޫނުގެ ޑިގްރީއެއް ނެތި ނުވަދެވޭގޮތް ހަދާ.. އަލިފެއް ބާއެއް ނޭގި ކުޅުޖަހަން ވަންނަންވީ ތަންތަނެއް ނުހުންނާނެ.