ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން ކުރި އަމުރު ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ވަގުތީ ގޮތުން އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މިދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ގޭބަންދަށް ބަދަލު ކުރީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ، ޖަލުގައި އޮންނަވަނިކޮށް ސިއްޙީ ހާލު ދެރަވެގެނ ގިނަ ފަހަރުތަކެއްގެ މަތިން އޭނާ މާލެއަށް ގެނެސް ފަރުވާދީފައި ވަނިކޮށެވެ. ލޮލުގެ ފެނުމަށް އަސަރުކުރާ ނުރައްކާތެރި ހާލަތެއް ކަމަށްވާ ގްލޮކޮމާއަށްއާއަށް ވެސް އަދީބު ފަރުވާ ހޯއްދަވަމުންދާއިރު، އޭނާގެ ކިޑްނީގައި ހިލައުފެދި ހަޑިގަނޑުގައި ސިސްޓު ހުރިކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން "ސްޓްރެސް"ވާފަދަ މާހައުލެއްގައި އަދީބު ނުބެހެއްޓުމަށްވެސް ޑޮކްޓަރުން ދާދިފަހުން ވަނީ އެދިފައެވެ.

ޑޮކްޓަރުގެ ލިޔުމުގައި ބުނެފައި ވަނީ، މީގެ އަހަރެއް ކުރިންނާއި އަދި މިދިޔަ މަސް ތެރޭގައި އަދީބް އެކަނި ހުންނަވަނިކޮށް ވެއްޓިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮލަށް ގެއްލުންތަކެއް ވެފައިވާކަމަށްވެސް އެ ލިޔުމުގައި ބުނެފައި ވެއެވެ.

އަދީބު ގޭބަންދަށް ބަދަލު ކުރިއިރު ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވާފައި އެބައޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުރި އަދީބު މިދިޔަ ނޮވެމްބަރ މަހު ވެސް ގޭބަންދަށް ބަދަލު ކުރިއެވެ. ނަމަވެސް ފަހުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

އަދީބުއާ އެއް ދައުވާތަކެއް ކޮށްފައިވާ އަބްދުﷲ ޒިޔަތު ވަނީ ދާދިފަހުން ގޭބަންދަށް ބަދަލުކޮށްފައެވެ.