ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ހިމެނޭ ސަރަހައްދު 31 ޖަނަވަރީ 2019 ގެ ނިޔަލަށް ހުސްކުރުމަށް އެންގުމަށް ފަހު، އެނިންމުން ބަދަލުކޮށް އެސަރަހައްދުގައި ވިޔަފާރި ކުރުމުގެ ހުއްދަ މިހާރު ދީފައިވުމަކީ ޒިންމާދާރުގޮތެއްގައި ނިންމާފައިވާ ނިންމުމެއް ނޫންކަމަށާއި އޭގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ގޮތުގައި މަންފާ ނެގުމަށް ފުރުސަތު ލިބިގެންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީ އިން މިހެން ވިދާޅުވީ އެއްވެސް އުޞޫލެއް ނެތި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ބޭނުމަށް ބޭނުންކުރަމުންދާ ކަމަށާއި، އަދި އެސަރަހައްދުގައި ހުރި ބައެއް ގެސްޓްހައުސްތަކުން ކުރިމަތީގައި އޮތް ހުސްބިން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދީގެން ފައިދާ ނަގަމުންދާއިރު އެޗްޑީސީގެ ފަރާތުން އެއްވެސް ފިޔަވަޅެއް ނާޅާ، އެފަރާތްތަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ޢަމަލުކުރަމުންދާކަމަށް ބުނާ މައްސަލަ ބެލުމަށް ފަހު އެވެ.

ހުޅުމާލޭ ބީޗް ސަރަޙައްދު ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެޗްޑީސީން ބަލާނެ ޝަރުތުތަކުގެ ގޮތުގައި 6 ކަމެއް ހިމަނާފައިވާއިރު މިހާރުވެސް ގިނަތަންތަން ބޭނުންކުރަމުންގެންދަނީ އެޗް.ޑީ.ސީން ކަނޑައަޅާފައިވާ މި ޝަރުތުތަކާ ހިލާފަށްކަން ފާހަގަކުރެވޭއިރު އެކަންތަކާ ގުޅޭގޮތުން އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށް އޭސީސީ އިން މިއަދު ނެރުނު ބަޔާނުގައިވެއެވެ.

ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެ ކޯޕަރޭޝަނުންވެސް ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ވާކަމާއި، އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗް.ޑީ.ސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުންކަމަށް ބެލެވިދާނެކަމާއި މިއީ ކޮރަޕްޝަނަށް މަގުފަހިވާކަމެއް ކަމަށް އޭސީސީ އިން ވިދާޅުވެއެވެ.

އެހެންކަމުން އަލުން ހުއްދަ ދިނުމުގައިވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައިވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ ޢަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫންކަމާއި، އަދި ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށާއި، އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފައި ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އަދި ހުޅުމާލޭ ބީޗް ސަރަޙައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ހުއްދަދޭނަމަ، އެކަމަށް ހަރުދަނާ އުޞޫލެއް އެކުލަވާލައި އެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އޭސީސީ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުވާސާ

    މުޅިންވެސް ޔާމީނުގެހުކުމް .. ތަފާތެއްނެތް..

    4
    9
  2. އިމްރާން

    ގެސްޓް ހައުސް ހިންގާ މީހުންނަށް އެފަދަ ބޮޑެތި ބިންތައް ދޭންޖެހޭތޯ. އެއީ ދައުލަތުގެ ބިން، އެއްވެސް އުސޫލެއްނެތި އާމްދަނީ ނުލިބޭގޮތަށް ބިން ނުވަތަ ބީޗް ދިނުމުގެ ބާރު އެޗްޑީސީއަކަށް ނޮއޮންނާނެ. މިފަދަ ބިންތައް އިއުލާންކޮށް ބިޑްގެ އުސޫލުން ލިބޭބަޔަކު ހިންގަންވީ. ގެސްޓް ހައުސްގެ ވިޔަފާރިއާއި ބިމާއި ގުޅުވާނެކަމެއްނެތް. އެޗްޑީސީގެ އެމްޑީއާއި ބޯޑް ޒިންމާ ނަގަންޖެހޭނެ.
    ރ.އިބޫ. ވިދާޅުވާނެ ކަރަޕްޝަން ފުރީއޭ. މިއީ ކޯއްޗެއްތޯ.

    29
  3. ގަބޭ

    ހެލްތް އަދި އިކޮނަމިކް މިނިސްޓްރީ އިންވެސް މިކަން ބަލަންޖެހޭ ބީޗްސަރަހައްދުގަ ބަދިގެ އަޅައިގެން އެބަވިޔަފާރިކުޜޭ މުޅިސަރަހައްދު ވިޔަފާރި ހާއްޔަކައް މިތަންތަން ހިންގަންތިބެނީ ހުސް ބަންގާޅީން.

  4. ށާލިހު

    މުއްސަދި މީހާޔަށް ހުރިހާމޮޅެއް.. ގެސްޓްހައުސް ވެސް ރެސްޓޯރެންޓް ހިންގަން އިތުރުބިމެއް.. ކޮބާ އިންސަފް.. ގައިމު އެބިން ކުއްޔަަށްދީގެން ލިބޭ ލާރިން ހުޅުމާލޭގެ ތަރައްގީއށް ކަމެއް ކުރިއްޔާ މާސަޅިވާނެ

  5. ވިސްނާ.....

    އިކޮނޮމިކް މިނިސްޓަރ އަޑަށް ބާރުލާފައި ބުނި އެތަންތަން ހުސްކުރާނަމޭ ކޮބާ ހުސްކުރެވުނުތަ... އެތާނގާ ގިނަ އިން ތިބީ އެމް ޑީ ޕީ މީހުން ކިހިނެއް ހުސްކުރެވޭނީ މިނިސްޓަރު ކަމުގައި ހުންނަން ބޭނުްނަމަ ޖެެހޭނީ ހަމަ ތުންފިތިގެން ހުންނަން އަޑަށް ބާރުލާފައި ކޮންމެ ވާހަކައެއްވެސް ބުނެވިދާނެ ... ތިޔަ ގޮނޑި އަކީ ވަރަށް ހޫނު ގޮނޑިއެއް ގާނޫނީ ވަކީލްކަން ކުރާހެން ތިޔަ ކަމެއް ނުކުރެވޭނެ.