ލ. ހިތަދޫ ކައިރިން ވެލި ބަރުކޮށްފައި އޮށްވާ ފެނުނު ބޯޓާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ބޭރު ގައުމަކުން އަންނަ އެއްވެސް އުޅަނދަކަށް ކަސްޓަމްސްގެ ހުއްދަ އާއި ނުލާއި ބަނދަރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެއްޗެހި ބަރުކޮށް ބޭލުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

އެހެން ކަމުން ޗައިނާ ބޯޓުން ކޮށްފައިވާ މި އަމަލަކީ ހުއްދައެއް ހޯދުމެއް ނެތި ކޮށްފައިވާ ކަމަކަށްވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަން ކަންވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

އެ ބޯޓަކީ ބްރިޖް ހެދި ކުންފުނީގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ބޯޓް އިން އުޅެފައިވަނީ ވެލި ނަގައިގެން ދުބާއީއަށް ބޭރު ކުރަން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޓުވީޓަކުން އެންވަޔަރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ބުނެފައިވަނީ މިމައްސަލަ މިހާރު ފުލުހުންނަށް އަންގައިގެން ބަލަމުން އަންނަ ކަމެވެ.