ސިޔާސީ ޕާޓީ ތަކާއި ބެހޭ ޤާނޫނަށް ބަދަލުގެންނަށްޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އާމިރު މިހެން ވިދާޅުވީ ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އަޅުގަނޑުމެންނަށް މި ފެންނަނީ އެމީހަކު ނިޞްބަތްވާ ޕާޓީއަށް އިސްކަންދޭ މަންޒަރު. އެހެންވުމުގެ ސަބަބުން ޤާނޫނު އަސާސީގެ ރޫޙު އެބަ ޖެއްލޭ. ހުވާ ކުރުމަށްފަހު އަޅުގަނޑުމެން މަސައްކަތް ކުރައްވާނީ އެއްވިސްނުމެއްގަ. ކޮންމެ ޕާޓީއަކުން ހޮވިފަ ހުރި ނަމަވެސް ޚިދުމަތް ކުރަން މިޖެހެނީ ރައްޔިތުންނަށް. އެކަން ހާޞިލް ކުރެވޭ ގޮތަކަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުވެސް ބަދަލުކުރަން ޖެހޭ.” އާމިރު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވަންވެސް އާމިރު ވަނީ ނިންމަވާފައެވެ.

އާމިރު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަން ނިންމެވީ ރައްޔިތުން ބޭނުންވާ ގޮތައް މަސައްކަތް ކުރާ މަޖިލީހެއްގައި މަޖިލީހުގެ ރައީސް ކަން ލިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގެ މެންބަރަކު މަޖިލީހުގެ ނައިބު ރައީސް ކަން ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

"17 ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ޑީއާރްޕީ މެންބަރަކު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ވުމުން ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ ޕީއޭ މެންބަރެއް. 18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ މެންބަރަކު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ވުމުން ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ އެމްޑީޕީ މެންބަރެއް. މިފަހަރު ވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކުރިމަތިލާން މިނިންމީ." އާމިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ކުރިމަތި ލައްވަނީ ކުރީގެ ރައީސް ރަޝީދެވެ. ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލައްވަނީ އީވާ އަބްދުﷲ އެވެ.