ހުޅުމާލެގެ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތްތަަށް ކުއްޔައްދީފައިވާ 5 ބިމެއްގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 39 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެޗް.ޑީ.ސީއަށް އަންގައިފިއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލޭގެ ސިނާއީ ސަރަހައްދުން 75 ހާސް ފޫޓުގެ 5 ބިމެއް ކުއްޔަށް ނަގާފާއިވާކަމަށާއި ކުއްޔަށް ނެގި ދުވަހުން ފަށައިގެން މިވީހާތަނަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ނުވާކަމަށެވެ. އަދި އެ ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެހެން ފަރާތަކާއެކު އެގްރީމަންޓް ހަދައި އެބިންތައް ކުއްޔަށް ދީފައިވާ ކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ތަހުގީގްކޮށް އެފައިސާ ދައުލަތަށް އަނބުރާ ހޯދަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް އެޗްޑީސީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީއިން ވަނީ ބުނެފައެވެ.

އޭސީސީ އިން ބުނެފައިވާ ގޮތުގައި މި ބިންތަކުގެ ކުލި އަދި ޖޫރިމަނާ މިދިޔަ އަހަރު މޭ 2 ގެ ނިޔަލަށް ދައްކަން ޖެހެއެވެ. އަދި މި ފައިސާ ހޯދުމުގެ މަސައްކަތް ކޯޓު މެދުވެރިކޮށް ކޮށްފައިވީނަމަވެސް، އަދާ ހަމަޔަށް ވެސް އެ ފައިސާ ލިބިފައިނުވާ ކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. ހަމަ މިއާއެކު މި ފައިސާ ހޯދަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

މީގެ އިތުރުންވެސް އޭސީސީ އިން ބުނެފައިވަނީ ބޯޑު ރިސޮލިއުޝަނުން ފާސްކޮށްފައިވާ، އެޗް.ޑީ.ސީގެ މޯގޭޖް ޕޮލިސީ ނުވަތަ ރަޖިސްޓަރީ ކުރެވިފައެވާ ގޯއްޗާއި، އިމާރާތާއި، ނުއުފުލޭ މުދާ ރަހުނު ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގޮތާއި އުސޫލުތަށް އިސްލާހުކުރުމަށްވެސް އަންގާފައިވާ ކަމަށެވެ.

ކުރިއަށްއޮތް ތަނުގައި އެފަދަ ބިންތައް ކުއްޔަށް ދިނުމާއި މޯގޭޖްކުރުމަށް ހަދާ އެއްބަސްވުންތަކުގައި އެޗް.ޑީ.ސީގެ ހައްގުތައް ރައްކާތެރިކުރެވޭނެގޮތަކަށް، އެއްބަސްވުން އެކުލަވާލުމަށްވެސް އަންގާފައިވާނެ ކަމަށް އޭސީސީއިން ބުންޏެވެ.