ބ.އަތޮޅުން ފެށިގެން ތ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.

ބ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ހަމައަށް ޔެލޯ އެލަރޓް ނެރެފައިވަނީ ހަވީރު 6 ޖެހުމާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަަށް ގުގުރުމާއި އެކު ވިއްސާރަކުރާނެއެވެ. މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

ގަޑިއަކު 25 މޭލާއި 33 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި ކަނޑު ގަދަވޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަަށް އެއިދާރާއިން ބުނެއެވެ.

ޔެލޯ އެލަރޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އެލަރޓެކެވެ. މި އެލަރޓް ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.