ގައުމީ ރޫހާއި އެއްބައިވަންތަކަން ދިރުވާ ޒިންމާދާރު ރައްޔިތުން ބިނާކުރަން ޔުނިވަސިޓީ އަދި ކޮލެޖް ދަރިވަރުން އެކުލެވޭ ކައުންސިލެއް އުފެއްދުމަށް ހޯމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އުފައްދާފައިވާ ޔޫތް ލީޑާސް ނެޓްވޯކުގެ މިއަހަރު ކުރިއަށްގެންދާ ދެވަނަ ޔޫތް ލީޑާރސް ފޯރަމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ކޮލެޖް އަދި ޔުނިވާސިޓީތަކުން 150 ދަރިވަރުން ބައިވެރިވި މި ފޯރަމް ކުރިއަށް ދިޔައީ ހުޅުމާލޭ ހުރަވީ ސްކޫލްގައެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ މި ފޯރަމްގައި ސެޝަންތައް ނަގާފައިވަނީ ''ތަހައްމަލުކުރުމުގެ ސަގާފަތް - މުޖުތަމައުގެ ހަމަޖެހުން'' ޝިއާރަށް އަމާޒުކޮށެވެ. އެގޮތުން ތަފާތު ހަ ދާއިރާއަކުން ތަޖުރިބާކާރު ބޭފުޅުން މައުލޫމާތު ހިއްސާކުރައްވައި، މި ފޯރަމްގެ ތެރެއިން މަޝްވަރާކުރެވުނު ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިހާތަނަށް އައްޑު އަތޮޅާއި ފުވައްމުލަކާއި، ހދ. ކުޅުދުއްފުއްޓާއި، ލ. ގަމާއި ދ. ކުޑަހުވަދޫއާއި ގއ. ވިލިނގިލީގެ އިތުރުން ހޯރަފުށީގައިވެސް ޔޫތް ލީޑާސް ނެޓްވޯކުން ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހު ހޯރަފުށީގައެވެ.