މިނިސްޓްރީ އޮފް ޑިފެންސުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން "ނުވަގަޑި އެޓް ޑިފެންސް" ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
ނުވަގަޑި އެޓް ޑިފެންސް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވުމާއެކު ދަޢުލަތުގެ ހުރިހާ ވުޒާރާތަކާއި ރާއްޖޭގައި ޙަރަކާތްތެރިވާ މީޑިޔާތަކާ ދެމެދު އޮތް ގުޅުން ބަދަހިކޮށް ނުރަސްމީ ވެށްޓެއްގައި ވީހާވެސް ގާތުން މަޢުލޫމާތު ފޯރުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
"ރައްޔިތުންގެ ޚިދުމަތުގައި ސިފައިން" މި ޝިއާރުގެ ދަށުން ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން ކޯސްޓްގާޑު މެރިންކޯރ އަދި ސަރވިސް ކޯރގެ ކޮމަޑާންޓުންނެވެ.
ސިލްސިލާ މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުގައިވާ އެހެނިހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން މީޑިއާތަކަށް މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.