.މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީން ހިއްސާއެއް 35ރ. ގެ ރޭޓުން ވިއްކަން ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން މާގިރި ހޮޓެލްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު ވިދާޅުވީ އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލަނީ އިސްލާމިކް ބޭންކުގައި ދިވެހިންގެ ހިއްސާ އިތުރު ކުރުމަށެވެ

"ދިވެހި ރައްޔިތުން އިސްލާމިކް ބޭންކުގައި ހިއްސާވާން ދައުވަތު އެރުވުމަކީ ލިބޭނެ ޝަރަފެއް. މި ފުރުސަތުގެ ބޭނުން ހިފުމަށް އެދެން" މުހައިމިނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާއްމުންނަށް ހިއްސާ ވިއްކަން ފަށާނީ އަންނަ މަހުގެ 18 އިން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް. އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކަށް މިފުރުޞަތު ހުޅުވާލުން. ދިވެހި ރައްޔިތުންގެ ހިއްސާ ބޮޑުވުން. ހިއްސާ ވިއްކުމުގެ މަސައްކަތުގަ އޫރިދޫގެ އެޖެންޓްތައްވެސް ބައިވެރިވާނެ." މުހައިމިނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ ޗީފް ފައިނޭންސް އޮފިސަރު އަލީ ވާސިފު ވިދާޅުވީ ހިއްސާ ގަނެވޭނެ ފަސޭހަ ގޮތްތަކެއް ފަހިކޮށްފައިވާ ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެކަން ކުރެވޭނެ ކަމަށެވެ.

"އޮންލައިންކޮށް ހިއްސާ ގަނެވޭނެ. އަދި މިއީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ފުރުޞަތެެއް. އެނގިވަޑައިގަންނަވާނެ އެމްއައިބީއަކީ ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެއް،" ވާސިފު ވިދާޅުވި އެވެ.

"ޖުމްލަ 224 މިލިއަން ރުފިޔާއަށް އަމާޒުކޮށްގެން ހިއްސާ ވިއްކަން ހަމަޖެހިފަ މިވަނީ. އެންމެ މަދުން ގަނެވޭނީ 20 ހިއްސާ. އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތުވެސް އޮންނާނެ." ވާސިފް ވިދާޅުވިއެވެ.