މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުރިން ޕީޕީއެމްގެ ބައެއް ކެމްޕޭންތަކުގައި ވެސް ބައިވެރިވި ނަބާހު ކޮމިޝަނަށް އައްޔަނުކުރީ 5 އޭޕްރިލް 2016 ވަނަ އަހަރުގަ އެވެ.

ނަބާހު މިއަދު އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނަބާހް ހާމަކުރައްވާފައެއް ނުވެއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ބްރޯޑްކޮމްގެ ހުރިހާ މެންބަރުން މަގާމުން ދުރުކުރާނެ ކަމުގެ އިންޒާރު ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ދެއްވާފައި ވަނިކޮށެވެ.

ބްރޯޑްކޮމްޕެގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ކޮމިޝަނުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށް އޭނާ ވަނީ މިދިޔަ ހަފްތާގައި ބްރޯޑްކޮމްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެއް މުއައްސަސާ އަކީ ބްރޯޑްކޮމް އެވެ.