ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި އުމުރުން 14 އަހަރުގެ ޝައިމް އަބުދުﷲގެ މައްސަލައިގައި މިނިސްޓަރު ޝިދާތާ ޝަރީފާއި ސުވާލު ކުރުމަށް މާދަމާ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ޝައިމްގެ މައްސަލައިގައި ޝިދާތާއާއި ސުވާލު ކުރަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

މަޖިލިހުގެ އިދާރާއިން ބުނީ މިނިސްޓަރު ޝިދާތާއާއި ސުވާލު ކުރުން މާދަމާގެ ޖަލްސާގައި އޮންނާނެ ކަމަށެވެ.

ޝައިމް ގެއްލުނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. ޝައިމް ގެއްލުނުތާ ދެހަފްތާ ވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ފުލުހުން އޭނާ ހޯދީ މިމަހުގެ 01 ވަނަ ދުވަހު މާލޭގެ ގެއެއްގެ ތެރެއިންނެވެ.\

އޭނާ ފޮރުވައިގެން ގެންގުޅުނުކަން މައްސަލާގައި ދެ މީހަކު ހައްޔަރުވެސް ކުރިއެވެ.

ޝައިމް އަކީ މީގެ ކުރިން ވެސް ތަފާތު ކުއްތައް ކުރުމުގައި ބައިވެރިވެފައިވާ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.