ރާއްޖޭގެ އެންމެ ބޮޑު ކޮލެޖްކަމަށް ވިލާ ކޮލެޖުން އަންނަ މެއި މަހު ފަށާ ކޯސްތަކާއި ގުޅޭ މައުލޫމާތުތައް މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯގައި ދެމުން އެބަދެއެވެ.

ވިލާ ކޮލެޖްގެ ޑައިރެކްޓަރ އަލީ ޝަރީފް ވިދާޅުވީ، އެ ކޮލެޖުން މެއި އިންޓޭކަށް 97 ޕްރޮގްރާމް ހުޅުވާލެވިފައިވާ ކަަމަށެވެ. އެއީ ސެޓްފިކެޓް ލެވެލް 2 އިން ފެށިގެން މާސްޓާރސްއާ ހަމައަށެވެ.

"މީގެ ތެރޭގައި ހިމެނޭނެ ވިލާ ކޮލެޖްގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ އަޅުގަނޑުމެންގެ ޕާޓްނާޝިޕް ގާއިމްކޮށްފައިވާ ޔޫކޭގެ ޔުނިވާސިޓީގެ ޕްރޮގްރާމްތައް. އަދި މީގެ ތެރޭގައި ހިމެނޭނެ ސަރުކާރުން ހުޅުވާލެވިފައިވާ 2050 ސްކޮލާޝިޕް ޕްރޮގްރާމް ފުރުސަތުވެސް އެބަ އޮތް". އަލީ ޝަރީފް ވިދާޅުވިއެވެ.

މި ފެއާގެ ތެރެއިން ވިލާ ކޮލެޖްގެ ސްޓޯލަށް ޒިޔާރަތް ކުރާ ހުރިހާ ކުދިންނަށް މައުލޫމާތުތައް ދޭނެއެެވެ. އަދި މި ފެއާއަށް ޒިޔާރަތްކޮށް، ވިލާ ކޮލެޖުންވެސް ވަނީ ހާއްސަ އިނާމެއް ވެސް ދޭން ނިންމާފައެވެ. އަދި މިފަހަރު ފެއާގެ ތެރެއިން ވަގުތުން އޮފަރ ލެޓާވެސް ދޫކުރާނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.

"ވިލާކޮލެޖްގެ ސްޓޯލަށް ވަޑައިގެން މިތަނުން އެޕްލިކޭޝަން ފުރާ ކުދިންނަށް ވަގުތުން އޮފާ ލެޓާ ދޫކުރަމުން މި ދަނީ. އޭގެ ތެރެއިން ގުރުއަތުން ހޮވޭ ކުއްޖަކަށް ފަން އައިލެންޑްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމާއެކު ދަތުރެއްވެސް ހަމަޖެހިފައި އޮންނާނީ". ޝަރީފް ވިދާޅުވިއެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ނަމަވެސް ގިނަ ކުދިންގެ އެދުމުގެ މަތިން އެ ފުރުސަތު އަދި އިތުރު ދުވަސްތަކަކަށް ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވިލާކޮލެޖްގެ ޕްރޮގްރާމްތަކަކީ ކޮލިޓީ ރަނގަޅު ޕްރޮގްރާމްތަކެއް ކަމަށްވާއިރު، ކުދިންނަ ބޭނުންވާ ހުރިހާ ހުނަރާއި މައުލޫމާތުތައް ފޯރުކޮށްދެނީ އެކަމުގެ ތަޖުރިބާ ހުރި ލެކްޗަރާއިންނެވެ.