ކުރިއަސް އޮތް އަހަރަކީ ވެސް ދިވެހިރާއްޖެ އަށާއި ދިވެހިންނަށް ކުރިއެރުމާއި ކާމިޔާބު ލިބޭނެ އަހަރެއް ކަމުގައި ވުން އެދިވަޑައިގަންނަވާ ކަމަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ވިދާޅުވެއްޖެއެވެ.

ރާނީ އެލިޒަބަތު މިހެން ވިދާޅުވީ އިނގިރޭސީންގެ އަތުން ދިވެހިރާއްޖެ މިނިވަން ވިތާ 54 އަހަރު ފުރުން ފާހަގަ ކުރަމުން ގެންދާތީ ފޮނުވި ތަހުނިޔާގެ މެސެޖްގައެވެ.

ރާނީ އެލިޒަބަތުގެ މެސެޖްގައި ވިދާޅުވީ މިނިވަންދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ރައީސް އިބްރާހިމް ޞާލިހަށާއި ދިވެހިރައްޔިތުންނަށް ފޮނުވުމުގެ ފުރުސަތު އެކަމަނާ އަށް ލިބިވަޑައިގެންނެވުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެެކެވެ.

"އަޅުގަނޑު އެދެނީ ކުރިއަށް އޮތް އަހަރަކީ ވެސް ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް އުފާވެރި، ހެޔޮ ގޮތްތައް މެދުވެރިވެގެން ދާނެ އަހަރަކަށް ވުމެވެ. އަދި ރާއްޖެ އަށް ކާމިޔާބީތައް ލިބިގެން ދިއުމެވެ." ރާނީ އެލިޒަބަތުގެ ކުރު މެސެޖްގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް މިނިވަންކަން

މިނިވަން ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުންދަނީ، 1887 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

1887 ވަނަ އަހަރުގެ ޑިސެމްބަރ މަހު، އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެދަށަށް ދިޔައެވެ. އެމުއާހަދާ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 1965 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު އެވެ.

އެ ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެވުނީ، ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަނަރު އޭރު ދިރިއުޅުއްވަމުން ގެންދެވި ގޭގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

ރާނީ އެލިޒަބަތުގެ އިތުރުން ވަރަށް ގިނަ ގައުމުތަކުގެ ވެރިން އިއްޔެ ވަނީ ރާއްޖެ އަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތުން

    ރާނީ ޖަޒީރާ ރާއްޖޭ އަށް ގެންނަންފެނޭ މިހާރު މިތަން ދައްކާލަން

  2. ޑިވައިޑް އެންޑް ރޫލް

    ގެޓް ލޮސްޓް!

  3. ދުމައިން

    ޑިމޮކްރަސީ ފައްކާނުކުރެވިގެން ގައުމުތަކަށް އަރައިގަނެ، ދަތިކުރުމުގެ ފިޔަވަޅުއަޅާ ގައުމުގެ ސުޕުރީމު ވެރިޔަކީ ކާކު؟ ދިވެހިރާއްޖެ މިނިވަންވީއިރުވެސް، މިހާރުވެސް ހަމަ އެމީހާ! އެކަމަކުވެސް ހަމަ ޑިމޮކުރެސީއޯ.

  4. ޖާބިރު

    ޖަޒީރާ ރާނީ އަށް މަރުހަބާ!