ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރިވިއުކޮށް ދިނުމަށް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ރިޔާޒްގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ.

އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައި މުރާޖާ ކުރުމަށް އެދިފައިވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފަށް އޭނާގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ފޮނުވި ސިޓީއެއްގައެވެ.

މިދިޔަ އާދީއްތަ ދުވަހު ފޮނުވި އެ ސިޓީގައި ވަނީ ޝަރީއަތް ނިމެންދެން ރިޔާޒު ކުއްލިއަކަށް ބަންދުކޮށްފައިވަނީ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ވެސް ރިޔާޒު ބަންދުކޮށްފައި ނުވާ މައްސަލައެއްގައި ކަން ފާހަގަކޮށްފައިވެއެވެ. ޝަރީއަތް ނިމެންދެން ރިޔާޒު ބަންދު ކުރީ ވަކީލެއް ހޯދުމުގެ ކުރިން ކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ވަކީލަކު އައްޔަން ކުރުމުން މުރާޖާ ކުރާނެ ކަމަށް މުއްދަތު ޖެއްސެވި ގާޒީ ވިދާޅުވެފައިވާ ކަމަށް ވެސް ސިޓީގައި ވެއެވެ.

އަދި ރިޔާޒަކީ މަޖިލީހުގެ މެމްބަރެއް ކަން ފާހަގަކޮށް، ރިޔާޒް ބަންދުގައި ހުންނެވުމުން އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ސީޓީގައި ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ރިޔާޒްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށައެވެ.