ޕޮލިޓެކްނިކްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އޮޓޯމޯބައިލްސް ކިޔަވާ ދަރިވަރުންނަށް ފަންނީ އަދި މަސައްކަތުގެ ތަޖުރިބާ ދިނުމަށް ރާއްޖޭގެ އެންމެ ބޮޑު އޮޓޯމޯބައިލްސް ކުންފުނި ޝީޝާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޝީޝާއަކީ މަޝްހޫރު ހޮންޑާ ބްރޭންޑްގެ ސައިކަލު ވިއްކަމުން އަންނަ ރާއްޖޭގެ ހަމައެކަނި ހޮންޑާ އޮތޮރައިޒް ޑިސްޓްރިބިއުޓަރއެވެ.
ޝީޝާއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ހިލޭ ކޯސްތައް ކިޔަވާދެމުން އަންނަ ޕޮލިޓެކްނިކްގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން ކިޔަވާދެމުން އަންނަ އޮޓޯމޯބައިލްސް ކޯސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ދިނުމާއި، އެ ކުދިންނަށް ވަޒީފާ ލިބޭނެ ގޮތް ހަމަޖައްސައި ދޭނެއެވެ.
މިއަދު ހެނދުނު ޝީޝާ ޝޯވރޫމްގައި ބޭއްވި ހަފްލާއެއްގައި މި އެއްބަސްވުމުގައި ޝީޝާގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހުޝާމްއެވެ. ޕޮލިޓެކްނިކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކޮލެޖުގެ ސީއީއޯ އަހުމަދު ނާސިރުއެވެ.
މިއަދުގެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވީ، މި އެއްބަސްވުމުގެ މަގްސަދަކީ ޝީޝާ އާއި ޕޮލިޓެކްނިކް ގުޅިގެން ދިވެހި ޒުވާނުން މުޖުތަމައުއަށް ނެރެ މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުން ކަމަށެވެ. އެގޮތުން ޕޮލިޓެކްނިކްގައި އޮޓޯމޯބައިލްސް ކިޔަވަމުން އަންނަ ދަރިވަރުން ޝީޝާ އިން ތަމްރީނުކޮށްދީ، އެ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނެރުމަށް އެހީތެރިވުމާއި، އެ ކުދިންނަށް ވަޒީފާ ކަށަވަރުކޮށްދިނުން ކަމަށެވެ.
"މީގެ ސަބަބުން މި ދަރިވަރުންނަކީ، ދާއިރާގެ އެންމެ ފަހުގެ ވެހިކަލްތަކަށް އަހުލުވެރި ކުދިންތަކަކަށް ވެގެން ދާނެ. ޝީޝާއަކީ ރާއްޖޭގެ އޮޓޯބޯައިލްސް އިންޑަސްޓްރީގައި ވަރަށް ބޮޑު ކުންފުންޏެއް، އެންމެ ގިނަ ވެހިކަލްތައް އިމްޕޯޓް ކުރާ އެއް ފަރާތް، އެހެންވީމަ މި ބޭފުޅުންނާއެކު އަޅުގަނޑުމެން މި ވެވޭ އެއްބަސްވުމުން އަޅުގަނޑުމެންނަަށް ވަރަށް ބޮަޑު ޔަގީންކަމެއް އެބަދެވޭ، އަޅުގަނޑުމެންގެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަުތައް ކަށަވަރުވާނެ ކަމަށް" އަހުމަދު ނާސިރު ވިދާޅުވިއެވެ.
އަހުމަދު ނާސިރު ފާހަގަކުރެއްވިގޮތުގައި، އެ ކޮލެޖުން ކިޔަވަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ތަމްރީންކޮށްދިނުމާއި، އެ ކުދިންނަށްވެސް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކޮލެޖުން ބޭނުންވާކަމަކަށްވާއިރު، އެ ކުދިންނަށް އަދާ ކުރެވޭނެ ވަޒީފާތައް ޝީޝާގައި ހުރިކަން ޝީޝާއިން އަންގާފައިވާ ކަމަށެވެ.
އަހުމަދު ނާސިރު ވިދާޅުވީ، މިއީ ދިވެހިންނަށް އޮޓޯމޯބައިލްސް ދާއިރާއަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށެވެ. އަދި މީގެ ސަބަބުން އެ ދަރިވަރުން ވަރަށް ބޮޑަށް މި ދާއިރާއަށް އަހުލުވެރިވެ، މަސައްކަތުގެ ތަޖުރިބާ ލިބި، ވަޒީފާ ޔަގީންވެގެން ދާނެ ކަމަށް ނަސީރު ފާހަގަކުރެއްވިއެވެ.
"އެ ކުދިންނަށް ޝީޝާ އިން ފުރުސަތު ދޭނެ ކިޔަވަމުންދާއިރުވެސް ވޯކް އެކްސްޕީރިއަންސް ދޭގޮތަށް، އެހެންވީމަ ކޯސް ވަކި ހިސާބަކަށް ގޮސް ނިމޭ ހިސާބަށް ދާއިރަށް އެ ކުދިންނަށް ވަޒީފާގެ ފުރުސަތު ކަށަވަރު ވެގެން މި ދަނީ. މީގައި ދަރިވަރުން އެހެން ތަނަކަށް ވަޒީފާއަށް ދާން". އަހުމަދު ނާސިރު ވިދާޅުވިއެވެ.
ޝީޝާގެ ސީއީއޯ ހުޝާމް ވިދާޅުވީ، ޝީޝާ ކުންފުނީގެ އައުޓްލެޓްތައް މުޅު ރާއްޖެއަށް ފުޅާވެގެންދާއިރު، އެ ކުންފުންޏަށް އެންމެ ދަތިވެގެން ދަނީ ސާވިސް ދިނުމަށް ބޭނުންވާ މީހުން ތަމްރީން ވެފައި ނެތުން ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން ޕޮލިޓެކްނިކް އާއި ވާހަކަދެކެވިގެން އަޅުގަނޑުމެންނަށް ފުރުސަތު ލިބިގެން މި ދަނީ ދިވެހިން މިކަމުގައި، ސައިކަލު މަރާމާތު ކުރުމާއި، ނޫނީ އެހެން ކަހަލަ މެޝިނަރީސްވެސް މަރާމާތު ކުރުމުގައި ޓްރެއިނިންގ ދީ، ޓްރެއިންވެފައި ތިބި ދިވެހި ކުދިން އަޅުގަނޑުމެންގެ ވަޒީފާއަށް ވެއްދުން". ހުޝާމް ވިދާޅުވިއެވެ.
ޕޮލިޓެކްނިކްގައި ކިޔަވަމުންދާ ދިވެހިން ތަމްރީން ކުރުމުގައި ޝީޝާ އިން ތަކެތީގެ ގޮތުންވެސް އެހީވާނެއެވެ. އެގޮތުން އެކަމަށް ބޭނުންވާ އެސެސަރީސް އާއި ޓޫލްސް އާއި ފެން ޕަންޕާއި، ޝީޝާ އިން ފޯރުކޮށްދީ، އެ ދަރިވަރުން އެންމެ ފަހުގެ މޮޑެލްތަކަށް އަހުލުވެރިކޮށްދޭނެއެވެ.
ޕޮލިޓެކްނިކް އިން އޮޓޯބޯމައިލްސް ދާއިރާއިން ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ އާ ހަމައަށް ކިޔަވާ ދެމުން ދެއެވެ.
ޝީޝާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ އައުޓްލެޓްތައް ވަނީ ހުޅުވައިފައެވެ. އެގޮތުން، މާލެ ހުޅުމާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި، ފުވައްމުލަކުގެ އިތުރުން، ލ.އަތޮޅުގައިވެސް އެ ކުންފުނީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އިސްކޮޅުން ދިގުމީހުންނަށް ބޭނުންވާކަހަލަ ސައިކަލު އެބަހުރިތަ..؟