ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުން އަންނަނީ ދިވެހި މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ބޮޑު އަނިޔާއެއް ދެމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީން މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. ދިއްފުށިއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ، ދިއްފުއްޓަކީ މަސްވެރިކަމަށް ހާއްސަ ރަށެއް ކަމަށާއި، ސަރުކާރުން މިހާރު ޕްލޭން އެއް އެކުލަވާލިއަސް މަސްވެރިކަން ކުރައްވާ އާއިލާތަކަށާއި ދިވެހި މަސްވެރިން ކަނޑުމައްޗަށް ނިކުމެ ކުރާ މަސައްކަތަށް މިސަރުކާރުން ވަނީ ބޮޑު ތަނުން އިހުމާލު ވެފައި ކަމަށެވެ. އަދި އެފަރާތްތަކަށް މި ސަރުކާރުން އަންނަނީ ބޮޑު އަނިޔާއެއް ދެމުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ޕްލޭންތައް ހެދިދާނެ. ޕްލޭންތައް ނެރެވިދާނެ. އެހެން ނަމަވެސް ދިވެހި ރާއްޖޭގެ މަސްވެރިން ކަނޑުމައްޗަށް ނުކުމެ މި ކުރާ މަސްވެރިކަމަށް މި ސަރުކާރު ވަނީ ބޮޑުތަނުން އިހުމާލުވެފަ. މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ވަރަށް ބޮޑު އަނިޔާއެއް މި ސަރުކާރު ދެމުން މި ގެންދަނީ". ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ އެކަން ކުރަން ހުއްޓާލަން ވެސް ސަރުކާރަށް ގޮވާލާފައެވެ. އަދި އެއީ އިދިކޮޅު ޕާޓީއެއްގެ އަޑު ނޫންކަމަށް މި ސަރުކާރަށް ގަބޫލު ކުރެވޭނަމަ ސަރުކާރު އޮތީ ވަރަށް ބޮޑު މަސްތެއްގައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މަސްވެރިންނަށާއި އާއިލާތަކަށް ދެމުން ގެންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން. ދެން މިއީ އިދިކޮޅު ޕާޓީއެއްގެ އަޑު ނޫން ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭނަމަ، ސަރުކާރު އެއޮތީ ވަރަށް ބޮޑު މަސްތެއްގަ". ސައީދު ވިދާޅުވިއެވެ.