ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެގެން ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ރޭ ދަންވަރު 1:00 އިން ފަށައިގެން ދެކުނުގެ ހަތަރު އަތޮޅަކަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީއެވެ.

މެޓުން މިއަދު ހަތަރުވަނަ ފަހަރަށް މި ސަރަޙައްދަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފައި ވަނީ، މިއަދު ހެނދުނު 8:00 އިން މެންދުރު 12:00 އާއި ހަމައަށް މި ސަމާލުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށެވެ. ހަތަރުވަނަ ފަހަރަށް މޫސުމާއި ބެހޭ އިދާރާއިން މި ސަމާލު ދަމަހައްޓާފައި ވަނީ މެންދުރު 12:00 އިން ހަވީރު 4:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިއްޔެ އިން ފަށައިގެން ދެކުނުގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ވާރޭ ވެހެމުންދާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެތަކަށްވެސް ވަނީ ފެން ވަދެފައެވެ.