ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރް މުހައްމަދު އަޒަރްބައިޖާނަށް ފުރާވަޑައިގެންފިއެވެ.

މި ސަމިޓަކީ ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އެމެރިކާއާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގައިދިޔަ އަރާރުންތަކާއި ކޯޅުންތަކުގައި އެއްވެސް ފަރާތަކަށް ނުޖެހި ތިބުމަށް 1961 ވަނަ އަހަރު އުފެއްދި މޫވްމަންޓް އިން މި އަހަރު ބޭއްވިގެން ދާ ސަމިޓުގެ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވޭ ބައްދަލުވުމެކެވެ. ބައްދަލުވުން ކުރިޔަށް ދިޔުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 އިން 24އަށް އަޒަރްބައިޖާންގެ ވެރިރަށް ކަމަށްވާ ބަކޫގައެވެ.

18 ވަނަ ނާމް ސަމިޓްއަށް ތައްޔާރު ވުމުގެ ގޮތުން ބޭއްވޭ މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް ޢަފޫރު ފުރާ ވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.

ނާމް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އެއް ބޭފުޅަކީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫ އެވެ. މި ފޯރަމުގައި ދުނިޔޭގެ 120 ގައުމެއް ބައިވެރިވާއިރު މި މޫވްމެންޓް ފެށިފައި ވަނީ 1961 ގައި ސާބިޔާގައެވެ. މީގެ އިތުރުން މި ބައިނަލްއަގްވާމީ މޫވްމެންޓްގައި ޔޫއެންގެ ތިންބައި ކޮޅު އެއްބާގެ ގައުމުތައް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ ދުނިޔޭގެ 55 އިންސައްތަ އާބާދީ ކަމުގައިވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ބާރުވެރުގަދަ ގައުމުތަކާއި އެކު އެކުލެވިގެން މިވާ ޖަމިއްޔާއަކީ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމުގެ އިތުރުން ދުނިޔޭގައި ދާޙިލީ ބޮޑު ހަނގުރާމައެއް ހިނގާ ދިޔުން ހުއްޓުވުމަށްޓަކައި އެކުލެވިފައިވާ ޖަމިއްޔާއެކެވެ. ފަގީރު އަދި ބާރު ކުޑަ ގައުމުތަކަށް ސަލާމަތްކަން ދިނުމުގެ ނިޔަތުގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. ނޭމް އިން ބުނާ ގޮތުގައި މި ޖަމިއްޔާގެ އެއްބަސްވުމުގެ ދަށުން ކޮންމެ ގައުމެއްވެސް އަނެއް ގައުމުގެ ސަރަހައްދު ހިމާޔަތްކޮށް އެތަނަށް ގެއްލުން ނުދިނުމަށް ވަނީ އެއްބަސްވެވިފައެވެ.