އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން މާދަމާއަށް މަޖްލީހުގައި ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރު މަގާމަށް ރައީސް މަޖްލީހަށް ފޮނުވާފައިވަނީ 9 ބޭފުޅުންގެ ނަމެވެ. އެހެން ނަމަވެސް އިސްކަން ދެވިފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީންވަނީ އިންޓަވިއު ކުރެވ،ި 3 ބޭފުޅެއްގެ ނަން މަޖުލީހުގެ ތަޅަމަށް ފޮނުވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަނު ކުރުމަށް މަޖްލީހުގެ ތަޅަމަށް ފޮނުވާފައިވަނީ ތ. ވިލުފުށި އަތަމާގެ ހުސެއިން ފިޔާޒް މޫސާ އާއި، މ. ހަޒާރީވިލާ އަހުމަދު ފަޔާޒް ހަސަންގެ އިތުރުން ހ. ގުރުވައަހުމަދު އާހިދު ރަޝީދުގެ ނަމެވެ.
މި ތިން ބޭފުޅުންނަށް ވެސް ވަކިވަކިން ވޯޓަށް އަހާނެއެވެ. މި މަގާމަށް އައްޔަނު ކުރާނީ ތިން ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެންދާ ބޭފުޅެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސް ދުވަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.

މިމަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ހަމަވެފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ކަންކުރަން ބުނެފައި އޮންނަ އިރު މަޖިލީހުން އެމުއްދަތުގައި ކަން ނުކުރުމުން ގާނޫނާއި ޚިލާފުނުވޭތޯ ތިންމަސް ވެގެން ދިޔައިރު މީހަކު އައްޔަނު ނުކުރީ ކާކަށް ޖެއްސުން ކުރަންތޯ މީހުން ގަވާއިދާ އުސޫލާ ޚިލާފުވެޔޭ ބުނެ މަޖިލީހަށް ހާޒިރު ކުރާ ފަދައިން މަޖިލީހުގައި ކަންކަން އެޖެންޑާ ނުކޮށް ގަސްދުގައި ލަސްކުރާ މައްސަލަ ބަލާނީ ކޮން ތަނަކުންތޯ.. މިކަމަށް މަޖިލީހުގެ ރައީސް ޖަވާބު ދެއްވަބައްލަވާ....