ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުންކަމަށްވާ ހާތިމް ހިލްމީ އާއި ހުސެއިން މަޒީދު ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

މިރޭ މި ދެ ބޭފުޅުން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވިއިރު، ކުރިން މި ދެ ބޭފުޅުންވެސް މަސައްކަތްކޮށްފައި ވަނީ ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައެވެ.

މި ދެ ބޭފުޅުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. އަދި މަގާމު ލިޔުން ހަވާލު ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފެވެ.

ހުވާ ކުރެއްވުމަށް ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބައެއް ކޯޓުތަކުގެ ފަނޑިޔާރުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ހައިކޯޓުގައި މިހާރު ނުވަ ފަނޑިޔާރުން ތިއްބަވާއިރު އަލަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުންނަކީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އިތުރުވި ދެ މަގާމަށް ގެނައި ފަނޑިޔާރުންނެވެ.